ކެނޑުނު ބުޅިއާއި މެދުގައި ދެރަނުވާށެވެ

ކެނޑުނު ބުޅިޔާއި މެދު ދެރަނުވާށެވެ.
އިބުނު ޢަބްދުއްރަޙުމާނު
އޭ އަޚާއެވެ. ތިބާތިޔަ ވިސްނަނީ ތިބާ މަސްބާނަން ގޮސް އުޅުނު އިރު ތިބާގެ އަތުން ބުޅިކެނޑުނީތީހެއްޔެވެ؟ އެބުޅި ގަތީ އެޔަނި މިޔަނި އަގު ދީފައި ކަމަށްވާތީއެވެ. އެބުޅިއަކީ އަދި މިރާއްޖޭ އެހެންބަޔަކު މަސްބާނަން ގެންގުޅޭ ވައްތަރުގެ ބުޅިޔެއްކަމަށް ނުވާތީއެވެ. އެބުޅިއަކީ އެންނުލައި މަސްބާނަން ފަށޭހަ ބުޅިއަކަށްވާތީހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އެކަމާއި ދެރަނުވާށެވެ. ހާސް ނުވާށެވެ. ބުޅި ކެނޑޭނީ ކެޔޮޅުން އަތުންނެވެ.

ބުޅި ކެނޑުނީމާ އަލުން އެހެން ބުޅިޔެއް ގަންނާނީއެވެ. އެބުޅިކެނޑުނީމާ އަލުން އެހެން ބުޅިއެއް ގަންނާނީއެވެ. ކެނޑުނު ބުޅިއާއި މެދުގައި ވިސްނައި ފިކުރުކޮށް ހަޔާތުން ވަގުތުކޮޅަކާއި ބުއްދިން ފިކުރުކުރުމުގައި ގައިން ހަކަތަކޮޅެއް ދުއްވާލަންވީ ކީއްކުރަންހެއްޔެވެ؟ ވީތަން ވެދިޔައީއެވެ. ބުއްދިވެރިޔާއަކީ ވެދިޔަތަނުން އިބުރަތް ޙާޞިލްކޮށް ކުރިޔަށް އޮތް ދަތުރާއި މެދުގައި ފިކުރު ހިންގާ މީހާއެވެ. އޭ އަޚާއެވެ. ތިބާގެ ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑިކަމުގައި ހަދާށެވެ.

ތިބާގެ އަތުގައި އެއްޗެއް ނެތަސް އުއްމީދު ކަނޑާނުލާށެވެ. ތިބާ އުއްމީދު ކެނޑޭވަގުތުގައި ތިބާއަށްވުރެ ދަށުދަރަޖައިގެ މީހުންނަށް ބަލާށެވެ. ތިބާގެ ދެލޯވެއެވެ. ނަމަވެސް މިޔަނި އެވަނި މީހާގެ ދެލޮލަށް ނުފެނެއެވެ. އެހެން މީހެއްގެ ކަންފަތަށް އަޑު ނީވެއެވެ. މުއްސަނދިކަމުން ބޭނުން ކޮންމެ އެއްޗެއް ހޯދަމުން ދާ ކިތައް މީހުންގެ، އެމީހުންގެ ބުރަކަށިތަކުން ނުކުންނަ ދިޔައިގެ މޭވާ ނުލިބިފައި އެތިބި ކިތައް މީހުން ހެއްޔެވެ؟ ފައިސާއަކަށް ހުރިހާ އެއްޗެއް ނުގަނެވެއެވެ. އަމިއްލަ ނަފުސުގެ ވަރުން ވިސްނާށެވެ. ކަކުނިވެސް ހަރުކޮންނަނީ އެކަކުނީގެ ވަރުންނެވެ.

އޭ ލޯބިވާ އަޚާއެވެ. މީހަކު ތިބާއަށް ގޯސްކޮށް ހިތައިގެން ދެރަނުވާށެވެ. ތިބާކޮށްދިން ހެޔޮކަމުގެ ބަދަލުގައި އޭނާ ތިބާއަށް ތެޔޮހަމެއް ދީފައި އޮތަސް އެކަމާއި އަޅާނުލާށެވެ. އެއީ އޭގެ ޒާތުގައި ގޯސްކަމެއް ކަމުގައި ވިޔަސް އެކަމަކީ ހަތުރުވެރިކަމުގެ ފެށުމެއްކަމުގައި ނަހަދާށެވެ. އެހެނީ އަހަރެމެންނަށް ދެއްވި ހުރިހާ ނިއުމަތްތަކާއިއެކުގައިވެސް އަހަރެމެންގެ ރައްބު އެންގެވި ކަންތައްތައް ނުކުރެވިގެން އުޅޭއިރުގައި، އަދި އެރައްބު ދެއްވި ނިއުމަތްތަކަށް ޝުކުރު އަދާނުކުރެވޭ އިރު ތިބާއާއި މެދު އޭނާ ކިހިނެއް ކަންތައްކުރާނެ ކަމަށް އުއްމީދުކުރަމު ހެއްޔެވެ؟ ފޫގަޅަންވާނީ ފޯރާފޮތިންނެވެ. ނުފޯރާ ފޮއްޗަކުންނޫނެވެ.

ތިބާގެ އަޚާ ގޯސްކަމެއް ކުރާ ހިނދުގައި އެންމެންގެ ކުރީމަތީގައި އެވާހަކަ ދައްކާ ތިބާގެ އަޚާގެ ލަދުނުގަންނަވާށެވެ. އެހެނީ އޭރުން ތިބާގެ ނިޔަތްއޮތީ ރަނގަޅު ކުރަން ކަމުގައި ވިޔަސް އެކަމުން ނުކުންނަ ނަތީޖާ މާގޯހެވެ. ތިބާ އެކަން އިސްލާޙުކުރަން ބޭނުންނަމަ ސިއްރުން އެކަން ފާހަގަކޮށްލާށެވެ. އަހަރެމެންގެ މާތްރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްބަސްފުޅުގައިވާފަދައިން މުއުމިނުންނަކީ އެއްބަޔަކު އަނެއްބަޔަކަށް ވާ މޫނުބަލާ ލޯގަނޑުތަކެކެވެ. އެލޯގަނޑުން ފެންނާނީ ތިބާ އެލޯގަނޑުގެ ކުރިމައްޗަށް އެރުމުންނެވެ. އެލޯގަނޑުގެ ކުރިމަތިން ތިބާ ގައިބުވުމުން ތިބާގެ ހިޔަނިވެސް އެޔާކުގައި ގާއިބުވެއެވެ. ދިވެހި ހަރުބަހެއްގައި ބުނާހެން ކެއްސަމަކުން ލޯގަނޑެއް ނުއުކޭނެއެވެ. އެއީ އެއްފަހަރާ ދެކަންތައްނުކުރެވޭނެޔޭ ބުނުމަށްޓަކައި ބުނެވޭ ބަހެކެވެ. ތިބާވެސް އެފަދަ މީހަކަށް ވާށެވެ.
ނިމުމަކީ މިދުނިޔޭގައި އުފެއްދެވިފައިވާ ކޮންމެ އެއްޗަކަށްވެސް ލިޔުއްވިފައިވާ ކަމެކެވެ. އެއްޗެއް ބާވެގެން ނުވަތަ އެނޫންވެސް ސަބަބުތައް މެދުވެރިވެގެން އެއެއްޗެއްގެ ނިމުމާއި އެއެއްޗެއް ބައްދަލުކުރެއެވެ. އަހަރެމެން ލޯބިވާ އާއިލާގެ މެންބަރުންނާއި އަދި އަހަރެމެން ލޯބިވާ ތަކެއްޗަށްވެސް ހުރީ ހަމަ އެމަގެވެ. ކޮންމެ އެއްޗެއްވެސް މި ހަޤީޤަތާއި ބައްދަލުކުރެއެވެ. ތިބާއަކީ މި ޙަޤީޤަތް ގަބޫލުކުރުމާއި އެކުގައި މިހަޤީޤަތާއި ބައްދަލުވުމަށް ތައްޔާރުވާ މީހެއްކަމުގައި ވާށެވެ. އަދި ތިބާ ގެންގުޅޭ އެއްޗެއް ހަލާކުވެއްޖެނަމަވެސް ނުވަތަ ތިބާ އުއްމީދުކުރި ކަމެއްނުވި ކަމުގައި ވިޔަސް އުއްމީދު ކަނޑާނުލާށެވެ. އުއްމީދުކަނޑާލުމަކީ ބުއްދިވެރިންގެ ކަމެއް ނޫނެވެ. ބުއްދިވެރިންނަކީ ލިބިފައިމިވާ ވަޤުތު ހެޔޮގޮތުގައި ބޭނުންކޮށް މިދުނިޔޭގެ ނިމުމާއި އަދި ކޮންމެ އެއްޗެއްގެ ނިމުމަށްވެސް ތައްޔާރުވެގެން ހުންނަ މީހާއެވެ. އެއީ ތިބާ ގެންގުޅުނު ދޮށީގެ ކުރީގައި ލައިފައިވާ ކަންވާރުގެ ކުރީގައި އިން ބުޅިކަމުގައި ވިޔަސްމެއެވެ. އަނެއްކާވެސް ބުނަން އޮތީ ކުރިން ބުނި ޢިބާރާތެވެ. ނަމަވެސް ނިންމާލާނީ ޢަރަބިން މަތީގައި ބަޔާންވެފައިވާ މާނައިގައި ބުނެއުޅޭ މުހާވަރާއަކުންނެވެ. ތިބާގެ އަތުން ވެއްޓުނު ކިރުތައްޓާއި މެދުގައި ދެރަނުވާށެވެ.

Post a Comment

0 Comments