ބިރުވެރި ޤިޔާމަތް ދުވަހުގެ އަލާމާތްތަކުގެ ތެރެއިން

ބިރުވެރި ޤިޔާމަތް ދުވަހުގެ އަލާމާތްތަކުގެ ތެރެއިން
ގައުމުތަކުން އެކީ އެކައްޗަކަށް މުސްލިމު އުއްމަތާއި ދެކޮޅަށް ތެދުވުން
ޑރ. މުޙައްމަދު ޢަރީފީ
ގިޔާމަތް ގާތްވުމުގެ އެއް އަލާމާތަކީ މުސްލިމުންނާއި ދެކޮޅަށް ތެދުވުމަށް ކާފަރުންގެ ގައުމުތަކުން ގޮވާލައި އެބައިމީހުން އެކަމުގައި އެއްބައިވުމެވެ. ނަމަވެސް މިއުއްމަތް ރައްކާތެރިކޮށްދެއްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކަށް އެނގޭނެފަދައިން އެންމެ ގިނަ ހަނގުރާމަތަކާއި އަދި މުސީބާތްތައް ޖެހިފައިވާ އެއްބަޔަކީ މުސްލިމުންނެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ މިއިން ކޮންމެ ފަހަރެއްގައިވެސް މުސްލިމު އުއްމަތްވަނީ ރައްކާތެރިކޮށްދެއްވާފައެވެ.

ޞަލީބީ ހަނގުރާމައިގައި ހުރިހާ ނަޞާރާއިން އެކީ އެކައްޗަކަށް ވެގެން މުސްލިމުންނަށް ހަމަލާ ދިނެވެ. ނަމަވެސް ﷲ ގެ ރަޙުމަތުން އެބައިމީހުންގެ މައްޗަށް މުސްލިމުންނަށް ނަޞްރުދެއްވިއެވެ. އަދި ތަތާރުން މުސްލިމުންގެ ބިންތައް ހިފުމާއެކުގައި މާތް ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ މުސްލިމުންނަށް އެބައިމީހުންގެ މައްޗަށް ނަޞްރުދެއްވާފައެވެ. މިޒަމާނުގައި ޔަހޫދީންނާއި ނަޞާރާއިން ދެބައިމީހުން އެކީ އެކައްޗަކަށްވަނީ މުސްލިމުންގެ މައްޗަށް ފާވެގަނެފައެވެ. ނަމަވެސް އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މުސްލިމުން އެބައިމީހުންގެ ދީނަށް ރުޖޫޢަކުރައްވައި އަދި ދުޝްމަނުންގެ މައްޗަށް ގަދަވެގަތުމުގެ ކުޅަދާނަކަން ދެއްވާނެކަމުގެ އުއްމީދު ވަރަށްބޮޑަށް ކުރެވެއެވެ.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَلَيَنصُرَنَّ اللَّـهُ مَن يَنصُرُهُ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ ﴿٤٠﴾
މާނައިގެ ތަރުޖަމާ: " ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަޞްރުދޭމީހަކަށް އެއިލާހު ނަޞްރުދެއްވާހުއްޓެވެ. ހަމަކަށަވަރުން ﷲއީ ގަދަފަދަވަންތަ ޢަޒީޒުވަންތަ އިލާހެވެ." ( ޙައްޖު ސޫރަތް)
كَتَبَ اللَّـهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّـهَ قَوِيٌّ عَزِيزٌ ﴿٢١﴾
މާނައިގެ ތަރުޖަމާ: " ހަމަކަށަވަރުން ތިމަން އިލާހާއި އަދި ތިމަން އިލާހުގެ ރަސޫލުންގެ މައްޗަށް ނަޞްރުދިނުން ވަނީ ލިޔެވި ކަނޑައެޅިގެންނެވެ. ހަމަކަށަވަރުން ﷲ އީ ގަދަފަދަވަންތަ ޢަޒީޒުވަންތަ(އިއްޒަތްތެރި) އިލާހެވެ."

މާތް ﷲ ރުއްސުން ލެއްވި ޘައުބާން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ވަރަށްއަވަހަށް ޤައުމުތަކުން ތިޔަބައިމީހުންގެ މައްޗަށް ހަމަލާ ދިނުމަށް އެއްގައުމުން އަނެއްގައުމަށް ގޮވާލާނެއެވެ. އެއީ ކާންހަދާމީހުން ކެއުމަށް ދޮލަނގަކަށް (އަލް ޤަޞްޢަތަށް) ދައުވަތު ދޭފަދައިންނެވެ." ކޮންމެވެސް ބޭކަލަކު ސުވާލުކުރެއްވިއެވެ. " އެއީ އެދުވަހުން އަހަރެމެންގެ އަދަދު މަދުވުމުން ހެއްޔެވެ؟"
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަވާބުގައި ހަދީޘްކުރެއްވި ބަސްފުޅުގެ މާނަގައިވެއެވެ. " ނޫނެކެވެ. ނަމަވެސް އެދުވަހުން ތިޔަބައިމީހުންގެ އަދަދު ނުހަނު ގިނަވާނެއެވެ. ނަމަވެސް އެދުވަހުން ތިޔަބައިމީހުންގެ މިސާލަކީ ސައިލެއްގެ ފޮނުގަނޑުގެ މިސާލެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ދުޝްމަނުންގެ ހިތުގައި ތިޔަބައިމީހުންނާއި މެދުގައި އޮންނަ ބިރު ނައްތާލައްވައި އަދި ތިޔަބައިމީހުންގެ ހިތްތަށް ވަހުނު(ބަލިކަށިކަމުން) ފުރުއްވާނެއެވެ."
އެހިނދު ބުނެވުނުނެވެ. " އޭ ﷲ ގެ ރަސޫލާއެވެ. ވަހުނަކީ ކޮބައިތޯއެވެ؟"
އެކަލޭގެފާނު ޖަވާބުގައި ޙަދީޘްފުޅު ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. " ދުނިޔޭގެ މައްޗަށް އޮންނަ ލޯތްބެވެ. އަދި މަރުދެކެ ނުރުހުންތެރިވުމެވެ." ( އަބޫދާވޫދު އަދި އަހުމަދު. ޞައްހަ ޙަދީޘެއް. އަލްބާނީ)

ޤަޞްޢަތަކީ: ކާ އެއްޗެހި އެތުރުމަށް ގެންގުޅޭ ދޮލަނގެއް ނުވަތަ ތައްޓެއް. ޢާންމު ގޮތެއްގައި ހަދާފައި ހުންނާނީ ލަކުޑިންނެވެ.
އަލް ޣުޘާއު: (އަކީ ފޮނަށް ޢަރަބި ބަހުގައި ކިޔާނަން.) މިއީ ވާރެވެހުމަށްފަހު އުފެދޭ ފެންގަނޑުގައި ކުނޑިތަކާއި އަދި އެނޫންތަކެއްޗާއި އެކު އުފެދިފައި އޮންނަ ފޮނުގަނޑެވެ.
އަދި "ވަހުނު" އަކީ ކޮބައިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮއްދެއްވަމުން ޙަދީޘްފުޅު ކުރައްވާފައިވަނީ އެއީ ދުނިޔޭގެ މައްޗަށް އޮންނަ އެދުންވެރިކަމާއި އަދި މަރުވުމަށް އޮންނަ ނުރުހުންތެރިކަން ކަމުގައެވެ.

މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމުގެ ތެދުކަމަށް ދަލީލުކޮށްދޭ އަދި ޤިޔާމަތް ދުވަހުގެ އަލާމާތް ތަކުގެ ތެރެއިން ޢަލާމާތެއް ދަލީލުކޮށްދޭ ހަދީޘެކެވެ. ބަޔަކު ކޭމަށް އެއްވުމަށް ގޮވާ ބީދައިން ކާފަރުން އެއްބަޔަކު އަނެއްބަޔަކަށް މުސްލިމުންނަށް ހަމަލާދިނުމަށް ގޮވާލަމުންދާނެއެވެ. އަދި މުސްލިމުންގެ ބަލިކަށިކަމުގެ ސަބަބަކީ މުސްލިމުންގެ އަދަދު މަދުވުމަކުން ނޫންކަމާއި އެކަމުގެ އަސްލަކީ މުސްލިމުންވަނީ ދެމިގެންއަންނަ ސައިލެއްގައި ނަގާފައިވާ ފޮނުތަކެއްގެ މިސާލުގައިކަމާއި އޭގައި އެއްވެސް ބަރުދަނެއް ނުވާކަމެވެ. މިއީ މުސްލިމު އުއްމަތުގެ މިއަދުގު ހާލަތެވެ. މުސްލިމުންގެ އަދަދު ބިލިޔަނަކަށްވުރެ ގިނައިރު ގިނައީ އެމީހުންގެ އަދަދެވެ. ނަމަވެސް ކޮލިޓީއެއް ނެތެވެ.

މުސްލިމުންނާއި މެދުގައި ކާފަރުންގެ ހިތުގައި އޮންނަން ޖެހޭ ބިރުވެރިކަން ނެތިގެންގޮސް މުސްލިމުންނާއި މެދުގައި އެއްވެސް ހަމައެއް ލަމައެއްނެތި ދަނީ ހަނގުރާމަކުރެވި މުސްލިމުންގެ ބިންތައް އަތްދަށުލައި އިސްތިއުމާރުކުރަމުންނެވެ. ސަބަބަކީ މުސްލިމުންގެ ހިތްތައް ވަނީ ވަހުނުން ފުރިފައެވެ. އެއީ މިދުނިޔޭގެ މައްޗަށް ކުރާ ލޯތްބެވެ. އަދި މަރުވުމަށް ޖެހިލުންވާ ޖެހިލުންވުމެވެ. އެކަމުގެ މައްޗަށް އޮންނަ ނުރުހުންތެރިކަމެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ

Post a Comment

0 Comments