Samaasa Adhabu: Vagah negi Kiruthashi.


ސަމާސާ އަދަބު: ވަގަށްނެގި ކިރުސައިތަށި
أبو عبد الله المدني އަބްދުއްރަޙީމް
ދުވަސްވަރަކީ އައްޑު އަތޮޅުގައި އިނގިރޭސި ސިފައިނުން ތިބި ދުވަސްވަރެވެ. އިނގިރޭސި ސިފައިނުން މަރުކަޒު ޖަހައިގެން ތިބީ ގަމުގައެވެ. މިހާރު އެބައިމީހުންގެ އެންމެ ބޮޑު އަސަރުތައްވެސް ފެންނަން ހުރީ މިތަނުންނެވެ. އިނގިރޭސި ސިފައިން މިގޮތުން އެތަނުގައި ތިބި އިރު އައްޑޫ މީހުންގެ ދީނަކީ އިސްލާމްދީންކަން އެމީހުން ދަނެތިއްބެވެ. އަދި މިގޮތުން އެމީހުންގެ އާދައަކަށްވެފައިވަނީ ނަމާދަށް ހުންނަ މީހަކާއި އެއްވެސް ގޮތަކުން އުނދަގުލެއް ތުރާލެއް ނުކުރުމެވެ. އަދި ނަމާދަށް ނުވަތަ އެނޫންވެސް ދީނީ ކަމެއްކުރަން ތިބޭ ބަޔަކަށް މިމީހުން ފޮށެ ހަދަޔެއްވެސް ނޫޅެއެވެ.

އެގޮތުން އެބައިމީހުން މިތަނުގައި ތިބިއިރު އެތަނުގައި ހޮޓާ ކެފޭތައްވެސް ހަދާފައި ހުއްޓެވެ. މިތަންތަނުގައި އެކި އެކި ވަޒީފާތަކުގައި އައްޑޫ މީހުން އުޅެމުން ދިޔައެވެ. މިގޮތުން މިތަނުން ކެފޭއެއްގައި އުޅުނު އައްޑޫ ބެއެކެވެ. މިހާރުގެ ގޮތުން ބުނާނަމަ އައްޑޫ ސިޓީ ބޭބެއެކެވެ. މި ބޭބެ ކެފޭގައި ކުޑަކޮށް މަސައްކަތް ކުރާއިރު ކުޑަކޮށް އެތިކޮޅުކޮޅާއި އެތިފޮދު ފޮދު ވަގަށް ރަށަށް ދާ އިރުގައި ގެންގޮސް ހަދައެވެ. ކަމަކީ މަނާކޮށްފައިވާ ކަމެކެވެ. ފެނިއްޖެނަމަ އަދަބުވެސް ދޭ ކަމެކެވެ. ނަމަވެސް އެބޭބެ އެކަންކުރީއަކީ ވައްކަން ކުރާ ހިތްވާތީއެއް ނޫނެވެ. ނަމަވެސް ކާތަކެތީގެ މީރުކަމާއި ކުރިން ލޮލުން ދެކިފައި ނުވުމާއި އެދުވަސްވަރު ރާއްޖެވެސް ހުރި ތަދުކަމުގެ ސަބަބުންނެވެ.

ހަޤީޤަތަށް ބުނަންޏާ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތަދުގެ ކަންތައް އެންމެ ކުޑަކޮށް ފޯރިބަޔަކަށް އައްޑު އަތޮޅު މީހުންވާނެއެވެ. އެބައިމީހުންގެ ދަނޑުވެރިކަމާއި އަދި އޭގެ އިތުރަށް އިނގިރޭސީންގެ އަތްބާރު އެޅުމުގެ ސަބަބުން އެބައިމީހުން ތިބީއަކީ މާ ދަތިހާލެއްގައެއްނޫނެވެ.
ނަމަވެސް ދެންވީކަމެއް ވީތާއެވެ. މިބޭބެ އެއްދުވަހަކު ގެޔަށް ދަމުން ދިޔައި ކަނޑާފައި ހުރި ގެރިކިރު ދަޅަކަށް ހޫނު ކިރު ސައި އެއްޗެއް އަޅައިގެން ހިފައިގެންނެވެ.

މިހެން ދަނިކޮށް ބަޑި ހިފައިގެންހުރި ދޮން ފަރަންޖީ ބުރިޓިޝް ސިފައިނަކު އަންނަ ތަން މިބޭބެއަށް ފެނިއްޖެއެވެ. ބޭބެގެ ދެލޯ ނިއްކުރިއަށް އަރައްޖެއެވެ. ކަންބޮޑުވެ ހާސްވެއްޖެއެވެ. އޮއްދާ ހިއްލަން ފަށައިފިއެވެ. ޖެހެމުން ދިޔަވައިވެސް ބޭބެއަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. އެހެންވާނެތާއެވެ. ކުރީގައި ވައްކަން ކުރުމަކީ ދިވެހިންނަށް ވަރަށް ބޮޑު ކަމެކެވެ. ގޭގޭ ގަސްގަހުގައި ހުންނަ މޭވާ ވަގަށް ނަގައިގެންވެސް ބޮޑެތި އަދަބު ލިބިފައި އެބަހުއްޓެވެ.
އަދި ހަމައެޔާއެކު ދިވެހިންގެ އަޚުލާޤުވެސް އޭރު ނުލާހިކު ރަނގަޅީއެވެ. ނަމަވެސް މިޒަމާނުގައި މަގުމަތީން މީހުންވެސް ވަގަށް ނަގަން މިއުޅޭ ދިވެހި ވަގުން ފަހަކަށް ނުދާނެއެވެ. ސާބިތު ވިޔަސް އަނެއްދުވަހު ޖަލުން ނެރެ ހިލޭ ސަރުކާރުން އެކޮމޮޑޭޝަނާއި ބޭސްފަރުވާވެސް ލިބޭ ވިއްޔާއެވެ. ހާސްވާން ވީ ކީއްވެހެއްޔެވެ؟

ކޮންމެއަކަސް މިބޭބެ ހަމަޖެހިލައިފިއެވެ. އަވަހަށް ބުއްދީގެ ބޭނުންކޮށް ކަމުން ރެކެން މޮޅު ރޮކެޓެއް ރާވާލިއެވެ. އަވަސް އަވަހަށް ހޫނު ސައިއެތިން ވުޟޫކުރަން ފެށިއެވެ. އަދި ވުޟޫކޮށް ނިމިގެން ނަމާދަށް ފަށައްޖެވެ. ބުރިޓިޝް ދޮން ފަރަންޖީ ސިފައިންގެ މީހާއަށް ވީގޮތަކީ މިބޭބެ ނަމާދުކުރާލެއް ފުރިހަމަކަމާއި މަޑުމައިތިރިކަމާއި އަޅުވެރިކަން ފެނިފައި އަޖާއިބު ވެގެން ބަލަން އެސްފިޔަ ނުޖަހާވެސް ހުރީއެވެ. މިހެން ހުރެ ފޫހިވީމާ އޭނާ އައި ތަނަކަށް ހިނގައްޖެއެވެ.

މިބޭބެ ނަމާދުކޮށް ނިމިގެން އޭނާ ދިޔަކަން ޔަޤީންވީމާ ހިފަހައްޓައިގެން ހުރި ހަޅޭކުގެ އަޑުން ޖައްވު ގުގުމާލައިފިއެވެ. ބޭބެއަށް ވީ ގޮތަކީ ހޫނު ސައިއެތިން ވުޟޫކުރީމާ ވީ ތަދުން ލަވައިގަންނަން އުޅުނު ހަޅޭއް އޭނާ ހުރީމާ ހިފަހައްޓާލައިގެން ހުރީއެވެ. ހަމަ ގޮސް ލޮލުކޮޅަށް އޮބުމާއެކު ސައިތަށީގެ ހޫނުކަމުން ލިބުނު ތަދަށް ކެތް ނުކުރެވިގެން ހަޅޭއް ލަވައިގަތީއެވެ. "އާހް..." ނިމުނީ.

Post a Comment

0 Comments