Qiyamathuge Alaamaiythah: Shahaabeen dhuniye aa vakivun

4. މާތްވެގެންވާ ޞަޙާބީން މިދުނިޔެއާއި ވަކިވެގެންދިޔުން
أبو عبد الله عبد الرحيم المدني

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ކުރީކޮޅުގައި ފާޅުވާނެ އެއް ޢަލާމާތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުނިޔެދޫކުރެއްވުމަށްފަހު އެކަލޭގެފާނުގެ ޞަޙާބީން މިދުނިޔެ ދޫކުރެއްވުމެވެ. އެބޭކަލުންނަކީ މިއުއްމަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު އެންމެ މަތިވެރި މާތްވެގެންވާ މީސްތަކުންނެވެ. ހެޔޮވެގެންވާ މީސްތަކުންނެވެ.
އަބޫ މޫސާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިކަމަށް ރިވާކުރައްވާފައިވެއެވެ.
"ތަރިތަކަކީ އުޑުގެ އަމާންކަމެވެ. އަދި އެއުޑުން ތަރިތައް ފިލައްޖެނަމަ އެއުޑަށް ވަޢުދުވެގެންވާކަންތައް އަންހަ ހުއްޓެވެ. އަދި ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ އަމާންކަމެވެ. އަދި ތިމަންކަލޭގެފާނު ވަޑައިގެންފިނަމަ އެބޭކަލުންނަށް ވަޢުދުވެގެންވާ ކަންތައްތައް އަންނަ ހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ އަޞްޙާބުންނަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ އަމާންކަމެވެ. އެބޭކަލުން ވަޑައިގެންފިނަމަ ތިމަންކަލޭގެފާނުގެ އުއްމަތަށް ވަޢުދުވެގެންވާ ކަންތައް އަންނަ ހުއްޓެވެ." (މާނަ)
(މުސްލިމް)

މި ޙަދީޘުގައި
1. ޞަޙާބީ ބޭކަލުން މިދުނިޔެ ދޫކުރެއްވުމާއި ޤިޔާމަތްވުމުގެ ދެ ޢަލާމަތެއް ގުޅިފައިވެއެވެ. އެއީ ތަރިތައް ފިލާދިޔުމާއި، މަތިން (ވެއްޓޭއިރު ރޯވެފައިވާ)ހިލަފޭބުމާއި އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ދުނިޔެ ދޫކުރެއްވުމެވެ.
2. ޙަދީޘްތަކުން ސާބިތުވެފައިވާ ގޮތުގައި ހެޔޮލަފާ މީހުން ހުސްވާނެއެވެ. އެންމެ މަތިވެރިވެގެންވާ މީހުންނަށްފަހު، އެޔާޖެހިގެން އަންނަ މީހުން، އެގޮތަށް މީސްތަކުންގެ ހެޔޮލަފާކަން ދައްވަމުން ދައްވަމުން ގޮސް ޤިޔާމަތް ޤާއިމުވާހުށީ އެންމެ ނުބައިވެގެންވާ މީހުންގެ މައްޗަށެވެ. ހެޔޮލަފާ މީހުން އޭރުން ނުވާނެއެވެ.

5. ބައިތުލް މަޤްދިސް ފަތަހަވުން
(ފޮޓޯއިން އެ ފެންނަނީ މިހާރު ބައިތުލް މަޤްދިސް އިސްތިއުމާރުކޮށްގެން އުޅޭ މީހުންގެ ދިދައެވެ. އެ މިސްކިތް ގޮވާލަމުން އެދަނީ އެ މިސްކިތް ހުރި ބިން މިނިވަންކުރާނެ މުސްލިމް މުޖާހިދުންނަށެވެ. އިޖާބަ ދޭނީ ފަހެ ކާކު ހެއްޔެވެ؟)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމައިގެން ފޮނުއްވުނު އިރު ބައިތުލް މަޤްދިސްވަނީ ނަސާރާއިންގެ އަތްދަށުގައެވެ. އެއީ ބީޒަންޓައިން ދައުލަތެވެ. އެބައިމީހުންނަނީ އޭރު ވަރަށް ވަރުގަދަ ދައުލަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެތަން ފަތަޙަވާނެ ކަމުގެ ޚަބަރުދެއްވާފައެވެ. އެއީ ޤިޔާމަތުގެ ޢަލާމާތެކެވެ.
ޢައުފު ބިން މާލިކު ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވާ ޙަދީޘުން އެނގޭ ފަދައިންނެވެ.
" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " ތިމަންކަލޭގެފާނާއި ޤިޔާމަތްވުމާއި ދެމެދަށް ތިޔަބައިމީހުން ހަކަމެއް ގުނާ ޢަދަދުކުރާށެވެ." އެ ހަކަމުގެ ތެރޭގައި އެކަލޭގެފާނު ވަނީ ޤުދުސް ފަތަޙަވާނެކަމުގެ ޚަބަރުދެއްވާފައެވެ.
ޤުދުސް ފަތަޙަކޮށްފައިވަނީ ޢުމަރު ރަޟިޔަﷲ އަންހުގެ ޚިލާފަތުގެ ދުވަސްވަރުއެވެ. އެއީ ޙިޖުރީ ސަނަތުން 16 ވަނަ އަހަރެވެ. މިލާދީ ސަނަތުން 637 ވަނަ އަހަރެވެ. އަދި އެކަލޭގެފާނުވަނީ އެބިން ކާފަރުންގެ ނުބައިކަންކަމުން ތާހިރުކޮށް މިސްކިތެއް ބިނާކުރައްވާފައެވެ.
އަދި ޤުދުސް ދެފަހަރެއްގެ މަތިން މިނިވަންކޮށްފައިވެއެވެ. އެއީ ޢުމަރު ރަޟިޔަﷲ އަންހުގެ ޚަލީފާ ކަމުގަޔާއި ޞަލާޙުއްދީނުލް އައްޔޫބީ ރަޙިމަހުﷲގެ ދުވަސްވަރުގައެވެ. އެއީ ޙިޖުރީ ސަނަތުން 583 ވަނަ އަހަރެވެ. އަދި މިލާދީ ސަނަތުން 1187 ވަނަ އަހަރުއެވެ.
މާތްﷲ ގެ ވާގިފުޅާ ރަޙުމަތާއެކުގައި އަދިވެސް މިއުޅޭ ނުބައި ޔަހޫދީންނާއި ޔަހޫދީންގެ ވާގިވެރިންގެ ކިބައިން މުއުމިނުންގެ އަތްމައްޗަށް ބައިތުލް މަޤްދިސް މިނިވަންވާނެއެވެ. އަދި އެތަނުގެ ހިލަތަކާއި ގަސްތައް އޭރުން ބުނާނެތެވެ. " އޭ ﷲގެ އަޅާކަމަށްވާ މުސްލިމާއެވެ. ތިމަންނާގެ ފުރަގަހުގައި މިއޮތީ ޔަހޫދީއެވެ. އައިސް އޭނާ މަރާލާށެވެ."
އަދި ޢިރާދަކުރެއްވިއްޔާ ކުރިޔަށްހުރި ލިޔުންތަކުގައި މުސްލިމުންނާއި އަދި ޔަހޫދީންނާއި ދެމެދުގައި ހިނގާނެކަމަށް ޚަބަރުދެއްވިފައިވާ ހަނގުރާމައިގެ މައްޗަށް އަދި މުސްލިމުންނާއި ޔަހޫދީން ހަނގުރާމަ ކުރާނެ ގޮތުގެ މައްޗަށް، ކުރިޔަށް ހުރި ލިޔުންތަކުގައި އަލި އަޅުވާލެވޭނެއެވެ.

ނުނިމޭ. އިތުރު ޢަލާމާތްތައް އަންނަނީ بإذن الله

ގުޅުން ހުރި އިތުރު ލިޔުންތައް

ޤިޔާމަތްވުމުގެ ފުރަތަމަ ޢަލާމާތް

ހަނދު ދެފަޅިވެއްޖެ

ވީހާވެސް އަވަހަކަށް ޤިޔާމަތްވުމުގެ އަލާމަތްތަކުގެ ތެރެއިން އެހެން އަލާމާތެއް ގެނެސްދެވޭނެ ކަމުގެ އުއްމީދުގައި މިލިޔުން ނިންމާލަމެވެ. وصلى الله وسلم على محمد وعلى آله وصحبه أجمعين. والحمدلله

މަޞްދަރު: ނިޙާޔަތުލް ޢާލަމް، ޝެއިޚު އަރީފީ

Post a Comment

0 Comments