Aaa ahareh kurimathilaairu.

އާ އަހަރެއް
ތަރުޖަމާ: ޝެއިޚު ޙަސަން ނާޖީحفظه الله

މޭޒުދޮށުގައި އިށީންއިރު މިފަހަރު ލިޔާނީ ކޮން މައުޟޫޢުއެއް ކަމެއް ވިސްނާފައިނެތެވެ. ނަމަވެސް ފާރާދިމާލަށް ނަޒަރުހިންގައިލިއިރު ފެނުނީ ކަލަންޑަރެވެ. އެވަގުތު ލިޔަންވީ މައުޟޫޢު އެނގިއްޖެއެވެ. އާ އަހަރެވެ. މިރޭ މުޙައްރަމް މަސްފެށެނީ އެވެ. ކަލޭމެންނަށް މުޙައްރަމް މަހުގެ ފުރަތަމަދުވަހުގެ ޝުޢޫރަކީވެސް އަހަރުގެ އެހެންދުވަސްތަކާ އެއްފަދަ ޝުޢޫރެއް ހެއްޔެވެ؟ މާދަމާ ހެނދުނު އުފަންވަނީ އާއަހަރެކެވެ. މިރޭ ފާއިތުވެ ނިމިގެން އެދަނީ ވެސް ޢުމުރުން އަހަރެކެވެ.


ދަތުރުވެރިޔާ، ދަތުރުގެ ވަކިހިސާބަކުން އަރާމުކޮށްލުމަށް މަޑުކޮށްލައެވެ. ކަޑައްތުކުރެވުނު ރާސްތާގެ ދިގުމިނަކީ ކޮބައިތޯ ބަލާލައެވެ. އަދި ދާންޖެހޭ މަންޒިލަށް ފޯރުމަށްޓަކައި ކިހައި ދުރުމިނެއް އޮތްތޯ ބަލައެވެ.
މާލީއަހަރު ނިމުމުން ވިޔަފާރިވެރިޔާ ފައިދާވީ ކިހާވަރެއްތޯ އާއި ލިބުނީ ކިހާ ގެއްލުމެއްތޯ ބެލުމަށްޓަކައި ވިކުރާ ލިޔެފައިވާ ފޮތްތައް ހާވައި ފިހާރައިގައާއި ގުދަނުގައި ހުރި މުދަލުގެ ތަފާސް ހިސާބު ބަލައެވެ.
މިއީ ޙަޔާތުގެ މަގުގައި އަހުރެމެން ހިނގަމުންދާއިރު މަޑުކޮށްލާ އާ މަރުޙަލާއެކެވެ. ޢުމުރުން އަހަރެއް ފާއިތުވެގެންދާއިރު ޢަމަލުތައް ހިސާބުކޮށް، އިސްވެދިޔަތަނުން ޢިބްރަތް ހާސިލުކޮށް ޣާފިލުވެވުނު ކަންތައް ހަނދާންކޮށް މުސްތަޤްބަލާމެދު ފިކުރުކޮށްލުމަށް ވަގުކޮޅެއް ހޭދަކޮށްލުން އެއީ މިއަދު ކޮންމެހެންވެސް މުހިއްމުކަމެކެވެ.

މިއަދު އަހުރެމެން ހޭދަކުރަމުން މިދަނީ 1386ވަނަ އަހަރުގެ މުހައްރަމް މަހުގެ އެއްވަނަދުވަހެވެ. ދުވަސް ފެއްޓޭއިރު ފެންނަނީ ދިގުދުވަހެއްގޮތުގައެވެ. ބޭނުންކަމެއް މިއަދު ކުރެވިދާނެއެވެ. ބޭނުންނަމަ ދުނިޔެވީކަންތަކުން އުފަލާއިމަޖާ ހޯދިދާނެއެވެ. އާޚިރަތަށްޓަކައި ކޮއްތު ތައްޔާރުކުރެވިދާނެއެވެ. ދެން ހަވީރުވުމުން ދުވަސް ނިމިގެން އެދިޔައީއެވެ. ދެން އެދުވަހުގެ ބޭނުމެެއްނުހިފޭނެއެވެ. އަދި އުފާކުރާކަށްވެސް ވަގުތެއް ނުލިބޭނެއެވެ.

އިސްރާފުކުރާ މީހާ އޭނާގެ މުދާ ބޭކާރުކޮށް ވަގުތުތައްދުއްވާލާފަދައިން އަހަރެމެންނަށްވެސް ލިބިފައިމިވާ ދުވަސްތަކަކީ ނިމުމެއްނާންނާނެ އެއްޗެއްކަމުގައި ހީކޮށް ދުވަހުގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަކުރަމުއެވެ. އެހެންނަމަވެސް އެއްޗެއްގެ އަގުވަޒަންކުރެވޭނީ އެއެއްޗެއް ގެއްލިދިއުމުންނެވެ. ދުވަސްތައް ފެށޭވަރަށްވުރެ އަވަހަށް ނިމިގެން މާޒީއާއި އެކުވެގެން ދެއެވެ. އެދިއުމަށް ފަހު ދުވަހަކުވެސް އެބުރިއެއް ނާންނާނެއެވެ.
މިހާރު 1385އަހަރުގެ މުހައްރަމް މަހުގެ ފުރަތަމަދުވަސް ނިކަން ހަނދާންކޮށްލަބަލާށެވެ. އެއަހަރު ފެށުނުއިރު އަހަރެމެން ހީކުރީ ވަރަށްދިގު ދުވަސްތަކެއްކަމަށެވެ. އެދުވަހު އަހަރެމެންނަށް ގިނަގުނަ ހެޔޮ އަމަލުކުރުމަށް ކުޅަދާނަކަން ލިބިގެންވީމުއެވެ. މިއަދު އެދުވަސް ކޮބާހެއްޔެވެ؟ އަދި 1384ވަނަ އަހަރުގެ މުހައްރަމް މަހުގެ ފުރަތަމަދުވަސް ކޮބާހެއްޔެވެ؟

އަހަރެމެންގެ ޢުމުރައިގެން ފާއިތުވި ނުވަތަ އަހަރެމެން މީގެކުރިން ވެއަތުކުރި މުހައްރަމް މަސްތަކުގެ ފުރަތަމަ ދުވަސްތައްކޮބާހެއްޔެވެ. ދެން އަހަރެމެންގެ ޢުމުރުގައި ބާކީ އޮތީ ކިތައް މުހައްރަމް މަސްތޯއެވެ؟ އަހަރެއްފާއިތުވުމަށްފަހުގައި އައުއަހަރެއް އާދެއެވެ. ފާއިތުވިއަހަރުގައި ހެޔޮ އަމަލެއް ނުކުރާނަމަ ދެން ހެޔޮ އަމަލު ކުރުން އޮތީ ޖެހިގެންއަންނަ އަހަރުއެވެ.

ދުވާލުގަޑީގައި ހެޔޮލަފާ ޢަމަލުތައްނުކުރެވި ހިނގައްޖެނަމަ ދެން ކަލެއަށް އޮތީ ރޭގަނޑުގެ ވަގުތުތަކެވެ. އެވަގުތުތަކުގައި ހެޔޮޢަމަލުކުރާށެވެ. މޫސުމްތައް އަންނަނީ އެއްމޫސުމް އަނެއް މޫސުމާއި ވިދިވިދިގެންނެވެ. އެއްމޫސުމްގައި ކަލެއަށް ގޮވާންނުކޮށް ފާއިތުވެއްޖެނަމަ ދެން ޖެހިގެން އަންނަ މޫސުމުގައި ގޮވާންކުރާށެވެ. ޖޫންމަހު އޮންނަ އިމްތިހާނުން ކަލޭ ފާސްނުވެއްޖެ ނަމަ ސެޕްޓެމްބަރުމަހުގައި ނަގާ އިމްތިހާނުގައި ބައިވެރިވެވިދާނެއެވެ. ދިރިހުރިހާ ހިނދަކު ފަހުން ކުރެވިދާނެ އެތައްކަމެކެވެ. އެކަމަކު ކަލޭ ދިރިހުންނާނީ ކިހާދުވަހެއްވަންދެކަން އެބަ އިނގޭހެއްޔެވެ؟

އަހަރު ފާއިތުވެގެންދާއިރު ކަލެއަށް ހީވެފައިއޮންނަނީ އެއަހަރުގައި ކަލޭ ރަނގަޅަށް ދިރިއުޅެފިކަމުގައެވެ. ނަމަވެސް ހަގީގަތުގައި އަހަރުފާއިތުވެގެންދަނީ ކަލޭ މަރުވެފައި ހުންނަ ހާލުގައެވެ. ހައިރާން ނުވާށެވެ. އަހަރެން ބުނަންމިއުޅޭ ވާހަކަ މިސާލާއެކު ފުރިހަމަ ކުރިޔަދޭށެވެ. ކަލޭ ތިޔައީ އަހަރީ ޗުއްޓީ ލިބިގެން އުޅޭ މުވައްޒަފެއްކަމުގައި ބަލަމާ ހިނގާށެވެ. ފުރިހަމަ އެއްމަހުގެ ޗުއްޓީއެކެވެ. މިދުވަސްތަކުގެ ތެރެއިން ދިހަ ދުވަސް ފާއިތުވުމުން އެ ގެއްލުނީ ދިހަ ދުވަސްކަމުގައި ބަލާށެވެ. ޗުއްޓީގައި ބާކީ ދެން ވިހިދުވަހެވެ. ވިހިދުވަސް ފާއިތުވުމުން ދިހަ ދުވަހަށް ޗުއްޓީ މަދުވީއެވެ. މަސް އެއްކޮށް ނިމުމުން ޗުއްޓީވެސް ނިމުނީއެވެ. އެއީ ނުލިބޭ ޗުއްޓީއެއްފަދައެވެ. އަހަރެން މިދައްކަނީ ފިލޯސަފަރުން ދައްކާކަހަލަ ތާކުންތާކުނުޖެހޭ ވާހަކައެއްކަމަށްް ހީވަނީހެއްޔެވެ. ނޫނެކެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މިކިޔައިދެނީ ހަމަ ކަންތައް ހިނގާގޮތުގެވާހަަކައެވެ. އަހަރެމެންގެ ޢުމުރު މަތިވާވަރަކަށް ހަގީގަތުގައި އެގެއްލިގެންދަނީ އުމުރުން އަހަރެއްކަމުގައި އިނގެނީ ކިތައް މީހުނަށް ބާއެވެ.މިފަދައިން ގޮސް އުމުރު އެއްކޮށް ހުސްވެ އަޖަލު އައިސް ޖެހެއެވެ. މަރާއެކުގައި ފެށިގެންދާ އައު ހަޔާތަކަށް އިސްތިގުބާލުކުރަން ޖެހިދެއެވެ.

އަހަރެން ލިޔެފައިވާ ފޮތެއްކަމުގައިވާ (من حديث النفس) ހުޅުވައިލިއިރު ފެނުނު 1938ވަނަ އަހަރު ފެށުނުއިރު ނެރުނު އައްރިސާލާ މަޖައްލާ ގެ ޚާއްޞަ ޢަދަދުގައި ޝާއިއުކޮށްފައިވާ މަޒުމޫނެއް ކިޔާލީމެވެ. އޭގެ ސުރުޚީ އަކަށް އޮތީ 'ތިރީހުގެ އަހަރުތަކުގެ ކުރީކޮޅު' މިހެނެވެ. އެދުވަހު އަހަރެން ލިޔެފައިވާ އެތަންކޮޅު މިއަދު، 1966ވަނަ އަހަރު ކިޔާނެކަމަށް ތަސައްވަރުކުރެވުނު ނަމަ އޭރު އަހުރެންނަށް ފެނުނީހީ އެދެމެދުގައި އައި ދުވަސްތައް (އަށާވީސް އަހަރު) ވަރަށް ދިގު މުއްދަތެެއް ކަމުގައެވެ. އެކަމަކު މިއަދު އެދުވަސްތައް ފާއިތުވުމަށް ފަހުގައި ހީވަނީ އެއީ ރެއަކާއި ދުވާލެއްހެންނެވެ. އަދި މިއަދުގެ މިވަގުތުކޮޅުގައި އަހަރެން މީގެ އަށާވީސް އަހަރުފަހަށް (1994) ވިސްނައިފިނަމަ އަހުރެންނަށް އެދުވަސްތައް ފެންނާނީ ވަރަށް ދުރުގައިވާ ދުވަސްތަކެއްފަދައިންނެވެ. ނަމަވެސް އެދުވަހަކުން އަހަރެން ލިޔެފައިވާ މިފޮޅުވަތްތައް ކިޔާމީހަކަށް އަހަރެން މިލިޔެފައިވާ އަހަރަކީ އިއްޔެކަމުގައި ހީވާނެއެވެ.

މުސްތަޤްބަލަށް އަހުރެމެން ކުރާ އުއްމީދުތަކާއި ހުވަފެންތައް މާގިނައީއެވެ. އަހަރެމެން މި ހޯދަން ދުވަނީ އަދި އެ މުސްތަގުބަލަކަށްޓަކައި އަހަރެމެން މިވަރަކަށް މިތައްޔާރު މިވަނީ ކޮން މުސްތަޤްބަލެއްތޯއެވެ؟

ކިޔަވަން އުޅުނު ދުވަސްވަރުގައި އަހަރެންގެ މުސްތަގުބަލަކަށްވީ ސަނަދު ހޯދުމެވެ. ސަނަދު ލިބުމަށްފަހުގައި މުސްތަގުބަލް ބަދަލުވީ ވަޒީފާއެއްހޯދުމަށެވެ. ވަޒީފާ ލިބުމުން ދެން މުސްތަޤުބަލް ބަދަލުވީ އާއިލާއެއް ބިނާކޮށް ގެއެއްއަޅައި ދަރިންހޯދުމަށެވެ. ދެން ކައިވެނިކޮށް ދަރީންނާއި ކާފަދަރިން ލިބުމުން އަހަރެންގެ މުސްތަޤުބަލަކަށްވީ ވަޒީފާގެ ކުރިއެރުމާއި އިތުރު އެލަވަންސްތަކާއި ބައިވަރު ފައިސާ ޖަމާކުރުމެވެ. އަދި މަޝްހޫރުކަމާއި ފޮތާއި މަޒުމޫނު ލިޔުމާއި މީހުންގެ ޤަދަރުލިބުމެވެ. ﷲ ގެ ފަޟުލަވަންތަކަމުން މިހުރިހާކަމެއް ފުރިހަމަވުމުން ދެން އަހަރެންނަށް ހީކުރެވުނީ އިތުރަށް ފިކުރުކުރަންޖެހޭ މުސްތަގުބަލެއް ނެތްކަމުގައެވެ. ނަމަވެސް ﷲ އަހުރެންނަށް އަހުރެންގެ ވިސްނުން އަލިކޮށްދެއްވައި ދާންވީ މަގުދެއްކެވިއެވެ. އެހެން ކަމުން ކުރިން އެއާމެދު އަހުރެން ޣާފިލުވެފައިވާ ދާއިމީ މުސްތަޤްބަލަށް (އާޚިރަތަށް) މަސައްކަތްކުރަން ފެށީމެވެ.

ދުނިޔޭގައި މުސްތަޤުބަލަކީ ވުޖޫދެއްނުވާއެއްޗެކެވެ. މުސްތަޤުބަލަކީ ދުވަހަކުވެސް އަންނާނެ ދުވަހެއްނޫނެވެ. އެދުވަސް އައުމުން އެބަދަލުވަނީ މިހާރަށެވެ. މިހާލަތުން އަތް ފޮޅާލާއެއަށް ފުރަގަސްދީ އެހެން މުސްތަގުބަލެއް ހޯދުމަށް އިންސާނާ ދުއްވައިގަނެއެވެ. ހަގީގީ މުސްތަގުބަލްވަނީ އާޚިރަތް ދުވަހުއެވެ. އަހަރެމެންގެ ތެރެއިން އެދުވަހަށްޓަކައި މަސައްކަތް ކުރަނީ ކާކުހެއްޔެވެ. އަދި ކިއެއްތަ އެދުވަހާއި މެދުގައި ފިކުރުކުރަނީ ފަހެ ކާކުހެއްޔެވެ؟ އަހަރެން މިބުނާ އެއްޗަކީ ފަލްސަފާއެއްކަމުގައި ވެދާނެއެވެ. އެހެންނަމަވެސް މިއީ ކަންހިނގާގޮތުގެ ފަލްސަފާއެވެ. މިއީ އަހަރެމެންގެތެރެއިން އެކަކުވެސް އެއާމެދު ފިކުރުނުކުރާ ހަޤީޤަތްތަކެވެ.

އަހަރެމެންނަކީ އުދުހޭ ބޯޓުގައި ނުވަތަ ކަނޑުބޯޓުގައި ދަތުރުކުރާ ދަތުރުވެރިއެއްފަދަ މީހުންނެވެ. އޭނާގެ ހުރިހާވެސް އެދުމަކީ ރީތި ކޮޓަރި ނުވަތަ އަރާމު ގޮނޑިއެވެ. ފަސްޓުކުލާހުގައި ދަތުރުކުރަމުން އެންމެ މީރު ކާއެއްޗެހި ކެއުމެެވެ. ނޫސް މަޖައްލާތަކުގެ ގަނޑުތައް އުކަމުން ވަށައިގެންވާ މާހައުލަށް ނުވަތަ ކުޑަދޮރުން ބޭރަށް ނަޒަރުހިންގައެވެ. މިހުރިހާ ކަމެއްވެސް ކުރެވެނީ ދަތުރުމަތީގައި އުޅޭ ދުވަސްތަކުގައެވެ. ދަތުރުގެ ދުވަސް ތަކަކީ ކަނޑައެޅިގެންވާ މަދު ދުވަސްކޮޅެކެވެ. އޭނާ ދަތުރުކުރާ ރަށުގައި އަރާމުގައި ހުރެވޭނެ ގޮތްތަކާއި މެދުގައި ވިސްނިނަމަ އޭނާއަށް މާ ފައިދާ ބޮޑެއްނޫން ހެއްޔެވެ؟

ދަތުރުމަތީގައި ހޭދަކުރަންޖެހޭ މަދު ރޭތަކުގައި ބައެއް އުދަގޫތައް ބަރުދާސްތުކޮށް ރަށުގައި ދިރިއުޅޭން އޮތް ގިނަދުވަސްތަކަށްޓަކައި އޭނަގެ ފައިސާ ރައްކާކުރުން މާފައިދާ ބޮޑުނުވާނެ ހެއްޔެވެ؟ ނުވަތަ ދަތުރުގެ އަރާމުކަން ދަތުރުކުރާ ސަބަބު ހަނދާން ނައްތުވައިލީބާއެވެ؟ މަގުތަކުގެ ރިވެތިކަން ފެނިފައި މަޤްޞަދު އޮޅުނީބާއެވެ؟ ދިރިއުޅުމަކީ ދަތުރެކެވެ. މިދަތުރުގެ ސަބަބާމެދުގައި އެމީހުންގެ އަމިއްލަ ނަފްސާ ސުވާލުކުރަނީ މީސްތަކުންގެ ތެރެއިން ކިތައްމީހުންބާއެވެ؟ ދަތުރުކުރަނީ ކޮންތަނަކަށްތޯއެވެ. ޙަޔާތަކީ ކޮބައިކަން އަހައި ސުވާލުކުރަނީ ކިތައްމީހުންބާއެވެ؟ އަދި އަހުރެމެން އުފައްދަވާފައިވަނީ ކޮންބޭނުމަކުތޯއެވެ؟ އަހަރެމެންގެ ނިމުންވަނީ ކޮންތަނަކަށްތޯއެވެ؟

ހެނދުނުންފެށިގެން ރޭގަނޑުވަންދެން އަމިއްލަ ނަފްސު ހަނދާންނެތިކުރުވާކަންތަކުގައި އަހުރެމެން ވަގުތުތައް ދުއްވައިލަމެވެ. މިގޮތުގައި ޢުމުރު ބޭކާރުކޮށްލަމުއެވެ. ބޭކާރު ވާހަކަދެއްކުމުގައާއި ބޭކާރު މަޖިލިސްތަކުގައާއި ފައިދާއެއް ނެތް މަޖައްލާތަކާއި ފޮތްތައް ބެލުމުގައެވެ. އަދި އަހަރެމެންގެ ތެރެއިން މީހަކު އެކަނިވެއްޖެނަމަ އެ އެކަނިވުމަކީ އޭނާއަށް ބޮޑުކަމަކަށްވެދެއެވެ. މިއެކަނިވެރިކަން ފިލައިދާނެ ގޮތަކާއިމެދުގައި ވިސްނައެވެ. ތިމާގެ އަމިއްލަ ނަފްސަކީ ތިމާގެ ދުޝްމިނަކަށްވެ އެކަނި އިނުމަކީ ދަތިއުދަގޫކަމަކަށްވެދެއެވެ. މިހެންވެ އެކަނިވެރިކަމުގައި ވަގުތު ހޭދަނުކޮށް ކުރާނެކޮންމެވެސް ކަމެއް ހޯދަން އުޅެވެއެވެ. ދިރިހުުރުމަކީ އޭނާއަށް ބޮޑު އުނދަގުލަކަށްވެދެއެވެ. ކޮނޑުގައި އެޅިފައިވާ ޒިންމާތަކުން ދުރުވެ އެކަންކަމުން ސަލާމަތްވާން އުޅޭކަހަލައެވެ.

އަހަރެމެންގެ އަމިއްލަ ނަފްސުގެ ކިބައިން ފިލައި ރައްކާވުމަށް އުޅެމުއެވެ. އަހަރެމެންގެ އުމުރު ހުސްކޮށްލަނީ އަރާމުތަކެއްކަމުގައި ހީކުރާކަންތައްތައް ހާސިލު ކުރަން އުޅުމުގައެވެ. އެހެންނަމަވެސް މިކަންކަން އަހުރެމެންނަކަށް ހާސިލެއްނުކުރެވެއެވެ.

އިބްނު އަލްޖައުޒީގެ ފޮތް ޞައިދުލް ޚާޠިރުން ވަރަށް އަގުހުރި ބަހެއް އަހުރެންނަށް ފެނުނެވެ. އޭނާ ވިދާޅުވީ' ދުނިޔޭގެ ލައްޒަތަކީ ދައްކާލެވޭ އެއްޗެކެވެ. އެއަކީ އަތަށް ލިބޭނެ އެއްޗެއް ނޫނެވެ. އެއީ ވިއްކާ މިލްކު ކުރުމަށް ހުންނަ އެއްޗެއްސެއްނޫނެވެ. އެ ތަކެތި ފެނުމުން ކަލޭ އުފާވާނެއެވެ. އެހެންނަމަވެސް އެތަކެތި ކަލޭގެ މިލްކަކަށް ހެދުމަކީ ވާނެކަމެއްނޫނެވެ. ދުނިޔެމަތީގައިވާ އެންމެ ބޮޑުއަރާމު މިސާލެއްކަމުގައި ބަލަމާތޯއެވެ. އެއީ ހަމައެކަނި ކުޑަކުޑަ ހިނދުކޮޅެއްގެ އަރާމެކެވެ. މިނެޓެއް ނުވަތަ ދެމިނެޓެވެ. އެކަމުގެ އަރާމު ކަލެއަށް ލިބުނުކަން ރަގަޅަށް ނޭގިއުޅެނިކޮށް އެކަން އޮންނަނީ ނިމިގެންގޮސްފައެވެ.

މިއީ އާޚިރަތްދުވަހު ލިބޭނެ އުފަލުގެ ކުޑަކުޑަ މިސާލެކެވެ. މިދުނިޔެމަތީގައި ކުޑަކުޑަ ހިނދުކޮޅަކަށް ލިބޭ އުފާތައް އެދުނިޔޭގައި އަބަދަށްޓަކައި ލިބޭނެއެވެ. މިދުނިޔޭގައި ކަލޭގެ މިސާލަކީ ކާއެއްޗެއްގެ ރަހަ ބަލާފައި އެކެވުނުއެއްޗެއް މީރުވެއްޖެ ނަމަ އެ ގަނެގެން ބަނޑުފުރެންދެން ކާ މީހާގެ މިސާލެވެ. 'ރަހަ ބެލުން' (އުފާތައް ތަޖުރިބާ ކުރުން) ވަނީ މިދުނިޔެ މަތީގައެވެ. އަދި 'ބަނޑުފުރުން' (އެއުފާތައް އަބަދަށްޓަކައި ލިބުން) ވަނީ އާޚިރަތުގައެވެ. ހަރާމްގޮތުގައި 'އެރަހަ' ހޯދާފައިވާ ފާސިގުމީހާގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. އޭނާ ސަތޭކަ އަންހެނުންނާއި އެކުގައި އުޅެފައި ހުރިނަމަވެސް އިތުރު މީހަކު ފެންނައިރަށް އޭނާގެ ނަފްސު އެމީހަކު ބޭނުންވާނެއެވެ. އެއީ ދުވަހަކު އަންހެނަކު ނުފެނި ހުރިމީހެކޭ އެއްފަދައިންނެވެ. އޭނާގެ ހަށިގަނޑު ބަލިވެ މުސްކުޅިވަންދެކަށް މިހާލުގައި އޭނާ އުޅެމުންދެއެވެ. އެދުންވެރިކަން ކުޑައެއްނުވެއެވެ. އޭނާގެ މިސާލަކީ ފެންބޮވައިގަނެގެން ކަނޑުން ފެންބޯ މީހާގެ މިސާލެވެ. ގިނައިން ލޮނުބުއިވަރަކަށް އޭނާގެ ކަރުހިއްކުންވަނީ އިތުރެވެ.

މުދަލުގެ އުފަލާއި އަރާމަކީވެސް ހަމަ މިފަދަކަމެކެވެ.

ދެރަވަރު މަށިން ހަދާފައިވާ ޖިފުޓިގަނޑެއްގައި ނިދާ، އާދައިގެ ހިމަގޮދަންރޮށިކައިގެން ބާވެ ހަސްނެތިފައިވާ ފައިވާންގަނޑެއްލައިގެން ހިނގާއުޅޭ ނުވަތަ ހިމާރުގާޑިޔަލުގައި ދަތުރުކުރާ ފަކީރުމީހާ ދެކޭނީ މުއްސަންޖެއްގެ އަރާމު ތަންމަތީގައި ނިދާލާ އޭނާގެ ސުފުރާމަތިން ކައިގެން އަދި އޭނާގެ އަގުބޮޑު މޮޅުކާރު ދުއްވާލަން ލިބިއްޖެނަމަ އޭނާއަށް ހުރިހާއުފަލެއް ލިބުނީކަމުގައެވެ. އެކަމަކު މިހުރިހާ ކަމަކަށް އާދަވެފައިވާ މުއްސަނދި މީހާއަށް މިއިން އެއްވެސް ކަމަކުން އުފަލެއް ނުލިބޭތަނުގައި އެއިން އެއްޗެއް ގެއްލިއްޖެނަމަ އެކަމާއި ދެރަވެ ހިތާމަކުރެއެވެ.

މަޝްހޫރުކަންލިބިފައިނުވާ ޒުވާނާ ބޭނުންވާނީ އޭނާއަކީ ރަށުގައި ނަންހިނގާ އެންމެންގެތެރޭގައި ފާހަގަވާ މީހަކަށް ވުމަށެވެ. އޭނާގެ ނަން ރޭޑިޔޯއިން ގިނައިން އިވުމާއި ނޫސްމަޖައްލާތަކުގައި އޭނާގެ ފޮޓޯޖަހައި މީހުން އޭނާާގެ މޮޅުކަމުގެ ވާހަކަދައްކާ މީހަކަށްވުމަށެވެ. ނަމަވެސް މިމަޝްހޫރުކަން ލިބިފައިވާ ޢިލްމުވެރިޔާ މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާނެއެވެ. އަދި މިއިންކަމެއް ހޯދާކަށްވެސް ނޫޅޭނެއެވެ.
ދުނިޔޭގެ އުފާތަކަކީ އަވާމެންދުރެއްކަހަލަ އެއްޗެކެވެ. އަވާމެންދުރަކީ ކޯޗެއްކަން އިނގޭހެއްޔެވެ؟ ދުރުން ބަލާއިރު އެއީ ފެންގަނޑެއްކަމަށް ފެންނާނެއެވެ. ނަމަަވެސް ކައިރިއަށް އައުމުން އެއީ ހަމަ ސަޙަރާކަން އިނގޭނެއެވެ. އެއީ ފެންކަމަށް ހީވަނީ ހަމަ އެކަނި ދުރުންބަލާއިރެވެ.

ޢިއްޒަތްތެރި ކިޔުންތެރިޔާގެ ކިބައިން މައާފަށް އެދެމެވެ. ކަލޭމެންނަށް މިދެވެނީ ވަޢުޡާއި ޒުހުދުވެރިވުމަށް ނަސޭހަތްކަމުގައި ވަނީނަމަ މާފުކުރާށެވެ. އަހަރެން ގަސްދުކުރީ ވަޢުޡުބުނެ ޒުހުދުވެރިވުމަށް ގޮވާލާކަށްނޫނެވެ. އަހުރެންނަކީ ވަޢުޡުބުނެއުޅޭ ޒާހިދު މީހަކީމެއްނޫނެވެ. އެކަމަކު މިއަދަކީ މުހައްރަމް މަހުގެ ފުރަތަމަދުވަސް ކަމުގައިވުމުން އަހުރެންގެ ހިތުގައި އުފެދުނު ޝުޢޫރުތަކެވެ. ދަތުރުވެރިޔާ މަޑުކޮށްލިފަދައިން އަހަރެންވެސް މަޑުކޮށްލީއެވެ. އަދި ވިޔަފާރިވެރިޔާ ހިސާބުބަލަން އިށީނދެއިންނަ ފަދައިންނެވެ.

އަހަރެމެންގެ މިޙަޔާތާމެދުގައި ވިސްނާލުމުން އަހުރެންނަށް ފެންނަނީ ކާރުތަކެއްގެ ގޮތުގައި އަހަރެމެން ވާތަނެވެ. ލައިނުގަނެގެން އެކަތި އަނެކައްޗަށްވުރެ ބާރަށް ދުއްވާތަނެވެ. ކޮންމެ ކާރެއްވެސް ބަލަނީ އަނެއްކާރުތައް ފަހަތަށް ޖައްސާލައި ކުރިއެރޭތޯއެވެ. މިއިން އެއްވެސް ކާރެއްގެ ޑުރައިވަރުކުރެން އެހާ އަވަހަށް އެހާބާރަށް އެދަނީ ކޮންތާކަށްތޯ އަހައިފިނަމަ އެއިން އެކަކަށްވެސް ދޭނެ ޖަވާބެއް ނޭނގޭނެއެވެ. ފައިސާއަށް ރޭސްޖަހާ މީހުނެވެ. އުފަލާއި އަރާމުހޯދުމަށް ރޭސްޖަހާމީހުނެވެ. ވަޒީފާތަކަށް ރޭސްޖަހާމީހުނެވެ. ހަޔާތުގެ ހުރިހާ މަގެއްގައި ރޭސްޖަހާމީހުނެވެ. މިއަށްފަހު ޢުމުރު ނިމި އަހަރެމެން ޖަހަމުން އައި ރޭސް ދޫކޮށް ދާންޖެހިދެއެވެ. މިހެންކަމުން ކޮންމެ އަހަރެއްފެށިގެން އަންނައިރު ހިނދުކޮޅަކު އެބަ މަޑުކޮށްލަންޖެހެއެވެ. އަމިއްލަ ނަފްސާ ސުވާލުކޮށްލުމަށެވެ. އަހަރެމެންނަށް މިމުބާާރާތުން ލިބެނީ ކޮންފައިދާއެއް ހެއްޔެވެ. އެއްގޮތަކުން ބަލާނަމަ މީސްތަކުން މިސްރާބުޖަހާފައި މިހުރީ ހަގީގީފައިދާއަކަށްވެސް ނުމެނޫންމެއެވެ. އެހެންނަމަވެސް ބޭނުންވާފައިދާއަކީ އެއީކަމަށް އެމީހުނަށް ހީވަނީއެވެ.

މިއަދަކީ މިއީ އަހަރެމެންނަށް އިންޒާރުގެ ދުވަހެކެވެ. މިފެށޭ އަހަރަކީވެސް ނިމިގެންދިޔަ އަހަރުފަދައިން ނިމޭނެ އަހަރެއްކަމުގެ އިންޒާރެވެ. މިއިން ކޮންމެ އަހަރެއްވެސްދާނީ އަހަރެމެންގެ ޢުމުރުން ބައެއް ހިފައިގެންކަމުގެ އިންޒާރެވެ. ޢުމުރު ހުސްވެއްޖައުމަށްދާންދެނެވެ. ބާކީ މިއޮތްދުވަސްތައް ހެޔޮގޮތުގައި ލިބިގަންނަމާތޯއެވެ. އަހަރުގެ އެއްދުވަހުގައި ނަމަވެސް އެކަކު އަނެކަކަށް ނަސޭހަތްދީ ޙައްޤުގެ މަގަށްގޮވައިލާ ކެތްތެރިކަމަށް ވަސިއްޔަތްކުރާ ބަޔަކުކަމުގައި ވަމާތޯއެވެ.
މަޖައްލާތަކުންނާއި ނޫސްތަކުން ކަލޭމެންނަށް މޮޅުވާހަކަ ފެނިދާނެއެވެ. ކަލޭމެންގެ ހިތާއި ސިކުނޑިއަށް އަސަރުކުރުވާ މައުލޫމާތު މުއްސަނދިކޮށްދޭ ފަދަ ވާހަކަތަކެވެ. މިފަދަ ހުރިހާ ކަމެއްކުރުންވެސް ހަމަ އެންމެރަނގަޅެވެ. ނަމަވެސް ކަލެއަށް އާޚިރަތުގެމަތިން ހަނދާންކޮށްދޭ ފަދަ ބަސްކޮޅެއް އަޑުއެހުން މިއަށްވުރެ ހެޔޮކަންބޮޑެވެ. ކަލޭގެ ވެރި ރައްބުގެ ޙަޟްރަތުގައި ކޮޅަށްހުންނަންޖެހޭ ދުވަހު ކަލެއަށް ފައިދާކުރާނެ ކަމެއްކުރުން އިތުރުކަންބޮޑެވެ.
ﷲ ގަންދީ ހުވާކޮށްފައިބުނަމެވެ.މިހުރިހާ ވާހަކައެއްދެއްކުމަށް އެންމެ ރަގަޅު މީހަކީ އަހުރެންނެއް ނޫނެވެ. އަަހުރެން އެހެން މީހުނަށް ނަސޭހަތްދިނުމަށް ވުރެ އެހެން މީހަކުބުނާ ނަސޭހަތެއް އަޑުއަހައި އެނަސޭހަތުގައި ހިފުން މާ އައުލާކަންބޮޑެވެ.

ބައިރޫތުން ޖިއްދާއަށް އަހަރެން ކުރިދަތުރެއްގައި ވައިގެ ބަނދަރުގައި ހުރި ކެންޓީނެއްގައި މަޑުކޮށްލީމެވެ. ހެނދުނުގެ ނާސްތާކުރުމަށްފަހު ދަތުރުގެ އިންތިޒާރުގައި އިނީމެވެ. ކެންޓީނުއޮތީ ފުރިފައެވެ. އެތަނުގައި ތިބި އެންމެންވެސް ސައިބޮމުން ވާހަކަދައްކަނީއެވެ. އަހަރެންވެސް އިރުކޮޅެއްކުރިން ސައިބޮއި ވާހަކަދައްކަން އިންފަދައިންނެވެ. ބަލާމީހަކަށް ހީވާނީ އެއެންމެންނަކީވެސް އެކުވެރި ވަކިވެގެންނުދާނެ ރަހުމަތްތެރީންތަކެއްކަމުގައެވެ. އެއެންމެންގެ މިއެއްވުމަކީ ރޫޅިގެން ނުދާނެ އެއްވުމެއްކަމުގައެވެ. ނަމަވެސް ބައިރޫތުގެ ވައިގެބަނދަރަކީ ކޮންމެ ފަނަރަ މިނެޓަކުން ބޯޓެއް ޖައްސައި ފުރާ ހަދާ ތަނެކެވެ. އަޑުގަދަކުރާއިން ފުރާމީހުންނަށް ގޮވާ އިއުލާންތަކުގެ އަޑު އިރުއިރުކޮޅުން އިވެއެވެ.
ލަންޑަނަށް ފުރާ (BOAC)ފުލައިޓުގެ ފަސިންޖަރުން ފުރާގޭޓު ކައިރިއަށް ހާޒިރުވުމަށް އަންގަމެވެ. މިއަޑުއިވުމުން ހާޒިރުވެތިބި ބައެއްމީހުން އެމީހުންގެ ކެއިންބުއިމުގެ ކަންކަން ހުއްޓާލާފައި ތެދުވެގެން ދެއެވެ. ދެން އަނެއްކާވެސް ގޮވައެވެ. ޖަކާޓާއަށް ފުރާ (KLM) ގެ ފަސިންޖަރުން ގޭޓު ކައިރިއަށް ހާޒިރުވުމަށް އަންގަމެވެ. މިއަޑު އިވުމުން އަނެއްކާވެސް އެހެންބަޔަކު އެމީހުންގެ ކެއުމާއި ބުއިން ހުއްޓާލާފައި ތެދުވެގެން ދިޔައީއެވެ. އެމެރިކާއަށް ދާ ފުލައިޓެކެވެ. އެހެން ފުލައިޓެއް ކޮންގޯއަށެވެ. އީރާނަށްދާ ފުލައިޓެކެވެ. ދެން މޮސްކޯއަށްދާ އެއްޗެކެވެ. އެތާތިބި މީހުންގެ ހަރަކާތްތައް ބަލަން އިނދެފައި އަހަރެންނާއި އެކުގައި ހުރި އަހުރެންގެ ކޮއްކޮ ގާތުގައި ބުނީމެވެ. އަހަރެމެންގެ ޙަޔާތަކީ މިއީއެވެ.

ޙަޔާތުގެ ކަންކަމުގައާއި ކެއިން ބުއިމުގައި އަހުރެމެން އުޅެމުއެވެ. މިހެން ތިއްބައި އަޑުގަދަކުރާއިން ބޯޓަށް އެރުމަށް ގޮވާލެވެއެވެ. އޭގައި އަހަރެމެންގެ ތެރެއިން ބައެއްމީހުން ދަނީ އެފްރިކާގެ ޖަންގަލިތަކަށެވެ. ނުވަތަ ސައިބީރިޔާގެ ސުނޯގަނޑުތެރެއަށެވެ. ނޫނީ ޕެރިހުގެ ނާސިގެތަކާއި ކެސީނޯ ތަކަށް ނުވަތަ ނިއުޔޯކުގެ ރީތިތަންތަން ބަލަައިލުމަށެވެ.
ދަތުރަށް ތައްޔާރުވެގެން ހުރި މީހާ ހުންނާނީ އޭނާ ކުރަންޖެހޭ ކަންތައްކޮށް ފޮށި ތައްޔާރުކޮށް ގެންދާން މާގިނައެއްޗެއް ނެތްނަމަ އޭނާ ހުންނާނީ ހިިތްހަމަޖެހިފައެވެ. މިއާ ޚިލާފަށް ފުރާގަޑި ޖެހި ފުރަންގޮވާއިރުވެސް ތައްޔާރުނުވެ ކުރަން ހުރިކަންތައް ކޮށް ނުނިމިގެން އުޅޭ މީހާޖެހޭނީ ހުސް އަތާ އެއްވެސް ތައްޔާރުވުމެއްނެތި ފުރައިގެންދާށެވެ.އަހަރެމެން ކޮންމެހެންވެސް ކުރަންޖެހިފައި އޮތް ދަތުރަށް ތައްޔާރުވެ އެދަތުރުގައި އެކޮއްތަކުންނޫނީ ފައިދާ ނުކުރާނެ ކޮއްތު (ހެޔޮއަމަލު) ގިނަކުރާކަށް ނުވޭހެއްޔެވެ؟
ނޫނީ އަހުރެމެންގެ ކުރިމަތީގައި މަަރުއޮތް އިރުވެސް އެކަމުގެމަތީން ހަނދާން ނައްތާލަނީހެއްޔެވެ. އެއީ އަހަރެމެންނާއި އެންމެ ކައިރީގައިވާ ކަންކަމުގައި ވާއިރުވެސް އަހަރެމެންނަށް އެވަނީ އެންމެ ދުރުގައި އޮތްކަންތައްކަމުގައެވެ. މަރުވާމީހުންގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާތަކުގައި ބައިވެރިވާއިރު އަހަރެމެން ވިސްނަމުންދަނީ ދުނިޔެވީ ކަންކަމާއިމެދުގައެވެ. އަހަރެމެން ދުނިޔޭގައި ތާއަބަދު ދެމިތިބޭނެފަދައެވެ. މަރަކީ އަހުރެމެން ނޫން އެހެން އެންމެންގެ މައްޗަށް ލިޔެވިފައިވާ ކަމެއްކަމަށް ހީވާކަހަލައެވެ.
މިލިޔުން ކިޔަމުންދާ ކިޔުންތެރީންނޭވެ!
އަހަރެމެން މިދުވަސްތައް ވެއަތުކުރަމުން މިދަނީ ޣާފިލުކަންމަތީގައެވެ. މިއަދު ސަމާލުވާށެވެ. ދަތުރުވެރިޔާ އިސްޓޭޝަނުގައި މަޑުކޮށްލާފަދައިން މަޑުކޮށްލާފައި ވިސްނާލާށެވެ. ދަތުރުކުރެވުނީ ކިހާ ދުރުމިނަކަށްތޯ އަދި ދަތުރުގެ ބާކީއޮތީ ކިހާދުރުމިނެއްތޯ ބަލާލާށެވެ. ވިޔަފާރިވެރިޔާ އޭނާގެ ހިސާބުތައް ހަމަޖެއްސުމަށް ވިކުރާފޮތް ހުޅުވައިގެން އޭނާއަށް ފައިދާވީ ކިހާވަރެއްތޯ އާއި ގެއްލުންލިބުނީ ކިހާވަރަކަށްތޯބަލާ ފަދައިން ބަލާށެވެ. އެއަށް ފަހު ދެއަތް މައްޗަށްނަގައި ދަންނަވާށެވެ. އޭ އަޅަމެންގެ ވެރި ރައްބު، އަޅަމެންނަށް ވެދިޔަތަނުގެ ފާފަފުއްސަވައި ކުރިއަށް އޮތްތަނުގައި ހެޔޮއަމަލުކުރުގެ ތައުފީޤު ދެއްވާފާނދޭވެ.
އޭ ﷲ. ދެން އަންނަ އަހަރެއްގެ މިދުވަހާހަމައަށް މިއަޅާ ދިރިހުންނާނެކަމުގައި ލިއުއްވާފައިވާނަމަ ކުރިއަށް އޮތްދުވަސްތަކަކީ މިއަޅާއަށާއި މުސްލިމުންނަށް ވޭތިވެދިޔަ ދުވަސްތަކަށްވުރެ ހެޔޮވެގެންވާ ދުވަސްތަކެއްކަމުގައި ލައްވާދޭވެ. އެހެންނޫންނަމަ އަޅަމެންގެ ނިމުމަކީ ރަގަޅު ނިމުމެއްކަމުގައި އިބަ އިލާހުގެ ދީލަތިވަންތަކަމުންނާއި ފަޟުލަވަންތަކަމުން ލައްވަވާނދޭވެ! އަދި އަޅަމެންގެ ފާފަތައް ފުއްސަވައި ހެޔޮލަފާއަޅުންނާ އެކީ މަރުގަންނަވާފާދޭވެ!

އަސްލު ލިޔުއްވީ: ޝައިޚު ޢަލީ ތަންތާވީ

Post a Comment

0 Comments