މެއްސެއްގެ ސަބަބުން ސުވަރުގެ ވަންމީހެއްގެ ވާހަކަ

މެއްސެއްގެ ސަބަބުން ސުވަރުގެ ވަންމީހެއްގެ ވާހަކަ
އިބުނު އަބްދުއްރަޙުމާނު ޅޮހީ
މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަންވާހަކަ އަޑުއެއްސެވީމުތޯއެވެ؟ މިއީ ޙަޤީޤީ ޙާދިޘާއެކެވެ. މިވާހަކަ ބަޔާންކޮށްދެއްވާފައިވަނީ ކޮންބޭކަލެއްކަމަށްތޯއެވެ؟ އަޅުގަނޑުމެންގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު މި ވާހަކަ ކިޔައިދެއްވި ގޮތާއި ވީހާވެސް ކައިރިކުރާ ގޮތަށް އަޅުގަނޑު ތަރުޖަމާކުރެވޭތޯ މަސައްކަތްކުރާނަމެވެ.

މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ތާރިޤު ބިން ޝިޙާބްރިވާކުރައްވައެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " މެއްސެއްގެ ސަބަބުން މީހަކު ސުވަރުގެ ވަނެވެ. އަދި އެހެންމީހަކު މެއްސެއްގެ ސަބަބުން ނަރަކައަށް ވަންނަންޖެހުނެވެ."

އެހިނދު ޞަޙާބީ ބޭކަލުން ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ؟ އެއީ ކިހިނަކުންތޯއެވެ؟

އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން ހިނގިގޮތް ބަޔާންކޮށްދެއްވަވަމުން ޙަދީޘްކުރެއްވިއެވެ.

" ދެމީހަކު އެއްފަހަރެއްގައި ބުދަށް އަޅުކަންކުރަމުން ދިޔަ ރަށެއް ހުރަސްކުރަން ޖެހުނެވެ. ނަމަވެސް އެރަށުގައި ވާ ބުދަކަށް އެއްޗެއް ޤުރުބާންކޮށްފައި މެނުވީ ހުރަސްކުރުމުގެ ހުއްދައެއްނޯވެއެވެ.
އެޤައުމުގެ މީހުން އެތަނުން އެކަކަށް ބުންޏެވެ. ކޮންމެސް އެއްޗެއް ޤުރުބާންކުރާށެވެ.
އޭނާ ބުންޏެވެ. އަހަރެންގެ އަތުގައި ޤުރުބާންކުރާނެ އެއްޗެއްނެތެވެ.
އެބައިމީހުން ބުންޏެވެ: މެއްސެއްނަމަވެސް ދެން ޤުރުބާންކޮށްލާށެވެ.
ދެން އޭނާ މެއްސަކުން ޤުރުބާންކުރިއެވެ. އަދި އޭނާއަށް ދިޔުމަށް ހުއްދަ ލިބިއްޖެއެވެ. އަދި (އެއަމަލުގެ ސަބަބުން އެހެނީ ﷲއަށް ޝަރީކު ކުރުމުގެ ސަބަބުން) އޭނާ ނަރަކައަށް ވަދެއްޖެއެވެ.

އަދި އެބައިމީހުން އަނެއްމީހާއަށް ބުންޏެވެ: ޤުރުބާންކުރާށެވެ.
އޭނާ ބުންޏެވެ: ﷲ އަށް މެނުވީ އެއްވެސް ފަރާތަކަށް ތިމަންނާ ޤުރުބާނެއް ނުކުރާނަމެވެ.
ދެން އެބައިމީހުން އޭނާ މަރާލައިފިއެވެ. އަދި (އެއަމަލުގެ ސަބަބުން) އޭނާ ސުވަރުގެ ވަދެއްޖެއެވެ. " ރިވާކުރެއްވީ އިމާމު ޢަހުމަދު

(ނޯޓު: މަތީގައި އެވާ ހަދީޘްބަސްފުޅުގެ މާނައިގައި އެވާ ބުރެކެޓުތަކުގައި އެވަނީ މުތަރުޖިމުގެ އަމިއްލަ ބަހެވެ.)


ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِ‌يكَ لَهُ ۖ وَبِذَٰلِكَ أُمِرْ‌تُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾
މާނައިގެ ތަރުޖަމާ: ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ނަމާދައި އަދި ޤުރުބާންކުރެއްވުމާއި(ﷲއާއި ގާތްވުމަށް ހުއްދަގޮތުގައި ކަތިލާ ކަތިލުން) އަދި ދިރިއުޅުއްވުމާއި އަދި މަރުވުން ވަނީ ޢާލަމްތަކުގެ ވެރި ރައްބު ﷲއަށެވެ. އެއިލާހަށް ޝަރީކެއް ބައިވެރިއެއްނުވެއެވެ. އަދި އެފަދައިން ތިމަންކަލޭގެފާނުގެ މައްޗަށް އަމުރުކުރެއްވިގެންވަނީ އެފަދައިންނެވެ. އަދި ތިމަންކަލޭގެފާނީ (މިއުއްމަތުގެ) މުސްލިމުންގެ ތެރެއިން (ޚުޞޫޢަތްތެރިވުމާއި ﷲއަށް ކިޔަމަންތެރިވުމުގައި) އެންމެ ފުރަތަމަ މުސްލިމެވެ.


ވީމާ އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ މިއިން އެއްވެސް ކަމެއްގައި ﷲއަށް ޝަރީކު ނުކުރުމެވެ. އެހެނީ ވެރިޔަކާއި ގާތްވުމުގެ ގޮތުން ގޮތުން އެއްޗެއް ކަތިލައިފިނަމަ އެއީ ޝިރުކުގެ ތެރެއަށް ވަންނާނެއެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ﷲއަށް ކިޔަމަންތެރިވުމެވެ. އަމަލާއި ބަހާއި ހިތުންނެވެ.

والله أعلم. وصلى الله وسلم على محمد و على آله و صحبه أجمعين.
ނިމުނީ


ހަވާލާ: ފަތުޙުލްމަޖީދު
ޝެއިޚު އަބޫބަކުރު ހިންނަވަރީ ޤުރުއާން ތަރުޖަމާ
ޝެއިޚު މުހައްމަދު ޢިބުރާހިމް ތަރުޖަމާކުރައްވާފައިވާ ކިތާބުއްތާހީދު

Post a Comment

0 Comments