ޢާޝޫރާ ދުވަހުގެ ރޯދައިގެ މަތިވެރިކަން

ޢާޝޫރާ ދުވަހުގެ ރޯދައިގެ މަތިވެރިކަން
ابن عبدالرحمن الضهي
އާޝޫރާ ދުވަހުގެ ރޯދައަކީ ކޮބާ؟
އާޝޫރާ ދުވަހަކީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެހެނީ މިދުވަހަކީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ކިބައިން މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރެއްވިދުވަހެވެ.

ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ އަންހު ރިވާކުރައްވާފައިވެއެވެ. " ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތުމުން ޔަހޫދީން ޢާޝޫރާ ދުވަހު ރޯދާ ހިފާތަން ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " މިއީ ކޮންކަމެއް ހެއްޔެވެ؟" ދެން އެބައިމީހުން ބުންޏެވެ. " މިއީ މާތްވެގެންވާ ދުވަހެކެވެ. އެހެނީ މޫސާގެފާނާއި ބަނީ އިސްރާއީލުގެ ބާގައިގެ މީހުން އެބައިމީހުންގެ ދުސްމަނުންގެ ކިބައިން ސަލާމަތްވީ ދުވަހަކީ މިއީއެވެ. އެހެންކަމުން ތިމަންމެން ރޯދަހިފަނީއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. " މޫސާގެފާނުގެ މައްޗަށް ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނު މާ ޙައްޤުކަން ބޮޑުވެގެންވެއެވެ." އަދި އެކަލޭގެފާނު އެދުވަހު ރޯދަ ހިއްޕަވައި އެދުވަހު ރޯދަ ހިފުމަށް އަމުރުކުރެއްވިއެވެ.
އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

އިބުނު އައްބާސް ރަޟިޔަﷲ އަންހު ބަޔާންކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ" އެބަހީ ނުވަޔަކާއި ދިހަވަނަ ދުވަހު ރޯދަ ހިފުން ނުވަތަ 10ވަނަ ދުވަހާއި އަދި 11 ވަނަ ދުވަހު ރޯދަ ހިފުމެވެ. ( މުއްތަފަޤުން އަލައިހި)
އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ރޯދަ މަހުގެ ރޯދައަށްފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ މާތްﷲ ގެ މައްސަރުކަމަށްވާ މުޙައްރަމު މަހު ހިފާ ރޯދައެވެ" ( މުސްލިމް)

މިދުވަހުގެ ރޯދަ ހިފުން އެންމެ އައުލާކަން ބޮޑުވެގެންވަނީ 9ވަނަ ދުވަހާއި އަދި 10 ވަނަ ދުވަސް އެއްކޮށް ހިފުމެވެ. ނުވަތަ 10ވަނަ ދުވަހާއި 11ވަނަ ދުވަސް އެއްކޮށް ހިފުމެވެ. އެއީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިން ޔަހޫދީންނާއި ޚިލާފުވުމަށްޓަކައެވެ. " ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފުވާށެވެ. ތިޔަބައިމީހުން ރޯދަހިފާއިރު ކުރިން އެއްދުވަހާ އެކު ނުވަތަ ފަހަތުން އެއްދުވަހާއެކު ރޯދަ ހިފާހުށިކަމެވެ"

މީގެ އިތުރުން އިބުނުލް ޤައްޔިމު ރަޙިމަހުﷲ ޛާދުލް މަޢާދުގައި ލިޔުއްވާފައިވެއެވެ. ޢާޝޫރާ ދުވަހުގެ ރޯދަހިފުންވަނީ ހަތަރުގޮތަކަށެވެ.
1. ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން
2. ނުވަތަ 9 ވަނަ ދުވަހާއި އެކު ރޯދަހިފުން
3. ނުވަތަ އެގާރަ ވަނަ ދުވަހާއި އެކު ރޯދަހިފުން
4. ތިންދުވަހު ރޯދަހިފުން.. އެބަހީ: 9ވަނަ ދުވަހާއި ދިހަވަނަ ދުވަހާއި 11ވަނަ ދުވަހު އެއްކޮށް ރޯދަހިފުން.

އެންމެފައިދާބޮޑީ ތިންދުވަހު ރޯދަހިފުމެވެ. އެއީ މިމާތް މައްސަރުގައި ތިންދުވަހުގެ ރޯދަހިފުން ހާޞިލުވާތީއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ.. ރަޙިމަހުﷲ

މިއަހަރު ޢާޝޫރާ ދުވަސް އަންނަނީ ކޮންދުވަހަކު؟

މިއަހަރު ޢާޝޫރާ ދުވަސް އަންނަނީ މިއަހަރުގެ މިހިނގާ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަސްކަމަށްވާ އަންގާރަދުވަހުއެވެ. ކަލަންޑަރުގައިވާ ގޮތުންނަމަ އެއީ މިއަންނަ ހޯމަދުވަހެވެ. އެއީ ޑިސެމްބަރު 5ވަނަ ދުވަހެވެ. ނަމަވެސް މިދިޔަ ހިޖުރީ އަހަރުގެ 29 ވަނަ ދުވަހު ހަނދު ނުފެނުމާއި ގުޅިގެން ކަލަންޑަރާއި ޚިލާފަށް 30 ދުވަސްހަމަކޮށްފައިވެއެވެ. އެހެންކަމުން ޢާޝޫރާ ދުވަސްވާނީ ޑިސެމްބަރު 6 ވާ އަންގާރަ ދުވަހުގައި ކަމަށް ސަޢޫދީ ޢަރަބިއްޔާގެ މުފްތީވަނީ ފަތުވާ ދެއްވާފައެވެ. ވީމާ ރޯދަހިއްޕެވުމުގައި މިކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
ސަޢޫދީ މުފްތީގެ ފަތުވާ والله أعلم

ނިންމުން

ވީމާ ހުރިހާ ބޭފުޅުންވެސް މިމަހުގައި ވީހާވެސް ގިނައިން ސުންނަތް ރޯދަ ހިފުމަށް ސަމާލުކަން ދެއްވުމަކީ ތިޔަބޭފުޅުންގެ ހެޔޮ ޢަމަލުތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ. އަދިވެސް މި ރޯދަތަކުގެ އިތުރުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހާއި އަދި ޙިޖުރީ ކޮންމެ މަހެއްގެ ތޭރަ ސާދަ ފަނަރަވަނަ ދުވަހުގެ ރޯދަ ހިއްޕެވުމަކީ ކޮންމެ މަހެއްގައިވެސް ސުންނަތެކެވެ. މަތީގައި އެވާ މުސްލިމް ޙަދީޘުން އެނގޭ ގޮތުގައި ރަމަޟާން މަހަށް ފަހު އެންމެ މަތިވެރިވެގެންވަނީ މުޙައްރަމު މަހުގެ ރޯދައެވެ. އެހެނީ މި މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މައްސަރުކަމަށް ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ.Link
وصلى الله وسلم على محمد و على آله و صحبه أجمعين. (ނިމުނީ)

Post a Comment

0 Comments