އިބުރަތްތެރިވާހަކަ: އިމާމު މާލިކު ދެއްވި އިބުރަތްތެރި ޖަވާބު

އިބުރަތްތެރިވާހަކަ: އިމާމު މާލިކު ދެއްވި އިބުރަތްތެރި ޖަވާބު
އަބޫ ޢަބްދުﷲ ޅޮހީ

މިއަންތަރީސް ވާހަކަ ފަހުމުވުމަށްޓަކައި އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭފުޅެއްކަން އެނގުން މުހިންމެވެ. އެކަލޭގެފާނަކީ އިމާމު ދާރިލް ޙިޖްރާގެ(ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖުރަކުރެއްވި ރަށުގެ އިމާމު)ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޙަދީޘް އިލްމާއި ފިޤުހު ޢިލްމުގައި އިމާމު ދަރަޖައިގެ ބޭކަލެކެވެ.(އެކަލޭގެފާނު ކިޔަވައިދެއްވެވީ ފޮޓޯއިން އެފެންނަ މާތްނަބިއްޔާގެ މިސްކިތްކޮޅުގައެވެ.) އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މާލިކު ބިން އަނަސް ބިން މާލިކު ބިން އަބޫ ޢާމިރެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޙިޖުރީ ސަނަތުން 93 ވަނަ އަހަރު މަދީނާގައެވެ. އަދި ޢިލްމު ޙާޞިލުކުރެއްވީ މަދީނާއިންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ތާބިޢީބޭކަލުން ހިމެނިވަޑައިގަނެއެވެ. އެގޮތުން އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި އުޅުއްވި އެކަލޭގެފާނު މިނިވަންކުރެއްވި ނާފިޢު ރަޙިމަހުﷲ ފާހަގަކޮށްލެވެއެވެ.

އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ޝާފިޢީ ހިމެނިވަޑައިގަނެއެވެ.އެކަލޭގެފާނަކީ އިލްމުގައި ކަނޑެއްފަދަ އިޚުލާސްތެރި ވަރަޢަވެރި ބޭކަލެކެވެ. ޙައްޤުގެ ބަސްބުނަންޖެހުނު ވަޤުތު ހައްޤުބަސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އޭރުގެ ވެރިން އެކަލޭގެފާނަށް ވަރަށް އަނިޔާކުރިއެވެ.

އެކަލޭގެފާނުގެ ޙަދީޘްފޮތް މުޥައްޠާއަކީ ޙަދީޘްފަންނުގައި އެންމެކުރިން ލިޔެވިފައިވާ ފޮތްތަކުގެ ތެރޭގައި ހިމެނޭ ފޮތެކެވެ. މަޝްހޫރު މާލިކީ މަޒުހަބު ނިސްބަތްވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނު ޙަދީޘްފޮތް ލިޔުއްވަނިކޮށް މީހަކު ސުވާލުކުރިއެވެ. ތިޔަށްވުރެ މާ ބޮޑު ފޮތެއް މުޥައްތާގެ ނަމުގައި އެހެން ބޭކަލަކު އެބަލިޔުއްވައެވެ. ތިފޮތް ތިޔަލިޔުއްވަނީ ކީއްކުރަންހެއްޔެވެ؟ އެކަލެގެފާނު ދެއްވި ޖަވާބަކީ ދެމިހުރުން ވަނީ ﷲއަށްޓަކައި ލިޔާއެއްޗެއްކަމަށެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހިޖުރީ ސަނަތުން 179 ވަނަ އަހަރުގައެވެ.
އެކަލޭގެފާނުގެ ސީރަތު ދިގުކޮށް ކިޔުމަށް މި ލިންކަށް ފިތާލައްވާށެވެ.
އެކަލޭގެފާނު ދެއްވި ޢިބުރަތްތެރި ޖަވާބު

އެކަލޭގެފާނާއި ދީނުގެ މައްސަލައަކާއި ބެހޭގޮތުން މީހަކު ސުވާލުކުރިއެވެ. އެކަލޭގެފާނު ޖަވާބުދެއްވިއެވެ. "ތިމަންނައަކަށް ނޭންގެއެވެ." އެމީހާ ބުންޏެވެ. އެއީ ވަރަށްލުއި ކުޑަކުޑަ މައްސަލައެކެވެ. ދެން އިމާމު މާލިކު ރަޙިމަހުﷲ ކޯފާ އިސްކުރައްވާ ވިދާޅުވިއެވެ. " ޢިލްމުގައި ލުއިއެއްޗެއް ނުހުރެއެވެ. ޢިލްމުގައި ކޮންމެއެއްޗަކީވެސް ބަރު (ބޮޑު) އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު އަޑުނާހަމުހެއްޔެވެ؟ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ މާނައިގެ ތަރުޖަމާއީ: "ހަމަކަށަވަރުން ތިމަންއިލާހު ބުރަވެގެންވާ ބަސްފުޅު ކަލޭގެފާނުގެ މައްޗަށް ބާވައިލައްވަމެވެ."
ދެން ޝެއިޚު ޞާލިޙު އާލުއްޝައިޚު ލިޔުއްވާފައިވެއެވެ. ފަހެ ޢިލްމު އެ ޙާޞިލުކުރާ މީޙާއަށް އެއީ ބުރަވެގެންވާ ބަރުދަން ހުރިއެއްޗެއްކަން ދަންނާނެއެވެ. ނަމަވެސް ބައެއް (ޢިލްމީ)މައްސަލަތައް ހަމައެކަނި ކިޔަވާމީހުންނަށް އެވަނީ ފަސޭހަކަމަކަށެވެ. އެ ދެނެގަނެވޭނެއެވެ. އަދި ވާނުވާއޮޅުން ފިލާނެއެވެ. ނަމަވެސް އެބައިމީހުން އެމައްސަލަތައް ބަލައިލާނީ އަވަސްއަވަހަށް މަތިމަތިންނެވެ. ފަހެ އެބައިމީހުންނަށް އެކަމުގެ ސަބަބުން އެތައްކަމެއް (ޢިލްމުން) ރޯނުފިލައިނުވަތަ ގެއްލިފައި އޮވެއެވެ. ޝެއިޚުގެ ބަސްކޮޅު ނިމުނީ. (1)
ނޯޓު: މިޒަމާނުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކުގެ ވާހަކަދެއްކެން ނެތެވެ. ދީނުގެ ޢިލްމަކީ އަޅުގަނޑުމެން ހިތުހުރިހައި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފޭސްބުކާއި ޓުވިޓާޔާއި ލިންކޭޑިންއާއި މިހެންގޮސް ސޯސަލް ނެޓްވޯރކު ތަކުގައިވެސް ފަތުވާ ލިޔާމީހުން ލިޔަނީއެވެ. ފަތުވާދޭމީޙުން ދެނީއެވެ. ފަތުވާހަދާ މީހުން ހަދަނީއެވެ. ފަތުވާކުރަހާ މީހުން ކުރަހަނީއެވެ. ދީނަށް މަލާމާތްކޮށް ދީނުގެ ޙުކުމްތަކަށް ހިތުހުރިހާ ގޮތަކަށް ފާޑުކިޔައި ﷲގެ ޝަރީޢަތުގެ ޙުރުމަތް ކަނޑައި ޢިލްމުވެރިންގެ ޙުރުމަތްކަނޑައި އަދި ވަޟަޢީގާނޫނުތައް މޮޅުކުރެވެމުންދަނީއެވެ. މިދީނުގެ ބޮޑެތި އިމާމުން ކަންކުރެއްވި ގޮތް އެޔޮތީ ފެންނާށެވެ. والله المستعان. ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިބަލާތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވައި ﷲ ރުއްސަވާ ތެދުމަގަށް ހިދާޔަތު ދައްކަވައި އެންމެހާ ނިކަމެތިވަމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި މަދަދުދެއްވުމެވެ. އަދި އިބަﷲ އަދުއްވުންގެ މަތިންނާއި ތިރިންނާއި ހުރިހާ ފަޅިޔަކުންއ އެބައިމީހުންނަށް ދަތިކުރައްވައި ނިކަމެތިކަންދެއްވުމެވެ. . أسال الله السلامة و العافية من كل بلاء و الكرب و من عذاب القبر و من الجهال المضللين. أمين
________________________
(1)
މަސްދަރު: ޝަރްޙު ޢަރްބަޢީނަ ނަޥަޥިއްޔާ، އައްޝެއިޚު ޞާލިޙު ބިން ޢަބްދުލްޢަޒީޒް އާލުއްޝައިޚު. ދާރުލްޢާޞިމާ، ސަފުހާ: 9

Post a Comment

0 Comments