ނޮޅާލެވުނު ޝަހީދު އިމާމު އަބޫބަކުރު އައްނާބުލުސީ ރަޙިމަހުﷲ.

އެކުލަވާލީ: أبو عبد الله عبدالرحيم بن أبي عبد الله المدني

އެކަލޭގެފާނަކީ އިމާމު، މުޙައްދިޘު، ޝަހީދު، ފަޤީހު މުޙައްމަދު ބިން އަޙުމަދު ބިން ސަހްލު އައްރަމްލީއެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫބަކުރުއެވެ. އަދި ނިސްބަތްވެ ވަޑައިގަންނަވަނީ ނާބުލުސްއަށެވެ. އެކަލޭގެފާނު މަޝްހޫރު ވެވަޑައިގެންފައިވަނީ އިމާމު އިބުނު އައްނާބުލުސީގެ ނަމުންނެވެ. އެކަލޭގެފާނު ޙަދީޘް އުގެނިވަޑައިގެންނެވި އުސްތާޛުންގެ ތެރޭގައި ސަޢީދު ބިން ހާޝިމް އައްޠަބަރާނީ، މުޙައްމަދު ބިން ޙަސަން އަލްޤުތައިބާ، މުޙައްމަދު ބިން އަޙުމަދު ބިން ޝައިބާން އައްރަމްލީ އަދިވެސް އެނޫން ބޭކަލުން ހިމެނިވަޑައިގަނެއެވެ.

 އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ދާރުޤުޠުނީ، ތައްމާމު އައްރާޒީ، ޢަބްދުލް ވައްހާބު އަލްމައިދާނީ ހިމެނިވަޑައިގަނެއެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ރަމްލާގައެވެ.

 (ޢުބައިދީން ޝީޢީންގެ ބާޠިނީ ފިރުޤާއެއްކަމަށްވާ މިބައިމީހުން ފަލަސްތީނު ހިފުމަށްފަހު އަހުލުއް ސުންނަތް ޖަމާޢަތުގެ މީހުންނަށް ދަތިކޮށް ޢިލްމުވެރިންނަށް މަޖުބޫރު ކޮށްގެން މިސްކިތްތަކުގެ ޞަޙާބީ ބޭކަލުންނަށް ލަޢުނަތްދީ ބަދުބަސްބުނުވަން ފަށައި،) ޟުޙާ ނަމާދާއި ތަރާވީސްނަމާދު ކުރުން މަނާކޮށްފިއެވެ. އަދި ޢިލްމުވެރިން މަރައި ޤަތުލުކުރަން ފަށައިފިއެވެ. (މިހެން ކަމުން އެކަލޭގެފާނު ދެކެވަޑައިގެންނެވީ އެބައިމީހުންނާ ހަނގުރާމަކޮށް ޖިހާދުކޮށް އެބައިމީހުން ޤަތުލުކުރަންޖެހޭނެ ކަމަށެވެ. ޝީޢީންގެ ދީނުންބޭރުވެފައިވާ ބާޠިނީ ފިކުރުގެ މިބައިމީހުންގެ ވެރިންނަށް ކިޔަމަންވާން ޖެހޭނެ ކަމަކަށް އެކަލޭގެފާނު ދެކެވަޑައިނުގަންނަވައެވެ.)



އެކަމުގެ ސަބަބުން އިމާމު އިބުން އައްނާބުލުސީ ފިއްލަވައިގެން ދިމިޝްޤަށް ވަޑައިގެންތަނާ ޢުބައިދީން އެރަށުގެ ވެރިޔަކަށް ލާފައި ހުރި ފަރާތުން އެކަލޭގެފާނު ހައްޔަރު ކޮށް ލަކުޑި ކޮއްޓަކަށް ލައިފައި މިޞްރަށް ފޮނުވައިފިއެވެ.

 ދެން މިޞްރަށް ގެންދެވުމުން އެކަލޭގެފާނާއި ދެކޮޅު ހަދާ މީހުންގެ ތެރެއިން މަލާމާތަށް ބުންޏެވެ. "ކަލޭގެފާނު ސަލާމަތުން ހުރީތީ ﷲއަށް ޙަމްދުކުރަމެވެ." އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "ތިމަންނާގެ ދީން ސަލާމާތްވީތީ ﷲއަށް ޙަމްދުހުއްޓެވެ. އަދި ކަލޭމެެންގެ ދުނިޔެ (ވަޤުތީގޮތުން) ސަލާމަތުން ހުރީތީ ﷲއަށް ޙަމްދުހުއްޓެވެ."

ދެން މިޞްރުގެ ޢުބައިދީންގެ ވެރިޔާގެ ގާތަށް ގެންދެވިއްޖެއެވެ. އޭނާ ބުންޏެވެ. ކަލޭގެފާނު މިފަދައިން "މީހެއްގެ އަތުގައި ދިހަތީރު އޮވެއްޖެނަމަ އަހަރެމެންގެ މައްޗަށް ނުވަ ތީރު އެއްލަން އަދި އަނެއްތީރު ރޫމުގެ މީހުންގެ މައްޗަށް އެއްލުން ވާޖިބުވާނެކަމަށް" މިފަދައިން ބުނީމުތޯއެވެ.

 އެކަލޭގެފާނު ދެންނެވިއެވެ. "ތިމަންކަލޭގެފާނު ތިޔަފަދައިން ނުބުނަމެވެ."

 (ދެން ވެރިޔާ އެކަލޭގެފާނުގެ ބަސް އަނބުރާ ގެންދަން އުޅޭކަަމަށް ހީކޮށް ރަކި ހިނިގަނޑެއް ހީފައި ބުނެފިއެވެ. އެހެންވިއްޔާ ބުނީ ކީކޭ ހެއްޔެވެ؟ އެކަލެގެފާނު ދެންނެވިއެވެ.) ތިމަންކަލޭގެފާނު ބުނީ މިފަދައިންނެވެ. "މީހެއްގެ އަތުގައި ދިހަތީރު އޮވެއްޖެނަމަ ކަލޭމެންގެ މައްޗަށް ނުވަ ތީރު ޖެހުން ވާޖިބުވާނެއެވެ. (އެބަހީ ޖިޙާދުކުރުން ވާޖިބުވާނެއެވެ) ދެން ބާކީ އޮތްތީރުވެސް ޖެހުން ވާޖިބުވާނީ ކަލޭމެންގެ ގަޔަށެވެ. ފަހެ ކަލޭމެން މިއްލަތް ބަދަލުކޮށްފިއެެވެ. ޞާލިޙުން (ޢިލްމުވެރިން) މަރަމުންދަނީއެވެ. ﷲގެ އިލާހީ ނޫރު ދޫކޮށްފިއެވެ.(ޤުރުއާނާއި ސުންނަތް)"

 (ދެން މިބައިމީހުން ރުޅި އައިސްގެން އެކަލޭގެފާނުގެ ގައިގައި ފުރަތަމަ ދުވަހު ވަރަށް ގަދަޔަށް ޗާބޫކުން ތަޅައިފިއެވެ. ދެވަނަ ދުވަހުވެސް ވަރަށް ގަދަޔަށް ތަޅައިފިއެވެ. ތިންވަނަ ދުވަހު ޞަލީބަށް އަރުވާފައި ބަހައްޓައިގެން ބޮލުން ފެށިގެން ހަންގަނޑު ނޮޅަން އަމުރުކޮށްފިއެވެ. ބުނެވޭގޮތުގައި އެއްވެސް މުސްލިމަކު އެކަން ކުރުމަށް ދެކޮޅު ހެދިއެވެ. ދެން އެކަން ހަވާލުކުރެވުނީ ޔަހޫދީއަކާއެވެ.)

 އިމާމު ދާރުޤުޠުނީ ރަޙިމަހުﷲ ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. "އެކަލޭގެފާނުގެ ހަންގަނޑު ނޮޅަމުންދިޔައިރު އެކަލޭގެފާނު ކިޔަވާ ވިދާޅުވަމުން ދިޔައެވެ. (كَانَ ذَلِكَ فِي الكِتَابِ مَسْطُوراً)( الإِسرَاء:58) (މާނައީ: "ފަހެ ލައުޙުލް މަޙްފޫޡުގައި ލިޔުއްވިގެންވާ ކަމެއްކަމުގައި އެކަންވިއެވެ."

 މަޢުމަރު ބިން އަޙުމަދު ބިން ޒިޔާދު ވިދާޅުވެފައިވެއެވެ. "އަބޫބަކުރު ގެ ހަންގަނޑު ނޮޅަންފެށުނީ އެކަލޭގެފާނުގެ ބޮލުންނެވެ. މޫނުގެ ހަންގަނޑު ނޮޅުމާއި ޖެހެންދެން އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެން ﷲގެ މަތިން ޛިކުރު ކުރައްވަމުން ދިޔައެވެ. (މޫނުގެ ހަންގަނޑު ނޮޅާލެވުމުން އެކަލޭގެފާނަށް ލިބެމުން ދިޔަ ވޭން ފެނިގެން) ޔަހޫދީމީހާގެ ހިތަށް ރަޙުމް ވަދެގެން އެކަލޭގެފާނުގެ ހިތަށް ހަންޖަރު ޖަހައިފިއެވެ. ދެން އެކަލޭގެފާނު ފުރާނަހިނގައްޖެއެވެ."

 އަދިވެސް ވިދާޅުވެފައިވެއެވެ. "އެކަލޭގެފާނުގެ ހަންގަނޑު ނޮޅާ ނިމުމުން އެކަލޭގެފާނުގެ ހަށިކޮޅުން ޤުރުއާން ކިޔެވޭ އަޑު އިވެމުން ދިޔައެވެ."

 އިބުނު ސަޢުސާޢި އަލްމިޞްރީ ބަޔާންކުރައްވައެވެ. "އެކަލޭގެފާނު ޞަލީބަށް އެރުވުމަށްފަހު (ދުވަސްކޮޅެއްފަހުން) ތިމަންނާއަށް އެކަލޭގެފާނު ހުވަފެނުގައި ފެނިވަޑައިގަތެވެ. އެކަލޭގެފާނު ވަނީ ވަރަށް މަތިވެރި (ޢިއްޒަތްތެރި ރިވެތި) ހާލުކޮޅެއްގައެވެ. ތިމަންކަލޭގެފާނު ބުނީމެވެ. ﷲ ކަލޭގެފާނާއި މެދު ކިހިނަކުން ކަންކުރެއްވިހެއްޔެވެ؟
ދެންނެވިއެވެ. حبَانِي مَالِكِي بِدَوامِ عِزٍّ ... وَوَاعَدَنِي بقُرْبِ الانتصَارِ
وَقَرَّبَنِي وَأَدْنَانِي إِلَيْهِ ... وَقَالَ: انْعَمْ بعَيْشٍ فِي جِوَارِي
"ތިމަންކަލޭގެފާނުގެ ވެރިއިލާހު ތިމަންކަލޭގެފާނަށް ރުއްސަވައި ޢިއްޒަތްދެއްވައިފިއެވެ.
 އަދި ތިމަންކަލޭގެފާނަށް ވަރަށް އަވަހަށް ނަޞްރުދެއްވާނެ ކަމަށް ވަޢުދުވެވޮޑިގެންނެވިއެވެ.
 އަދި ﷲ ސުބުޙާނަހޫ އެއިލާހާއި ކުއްތަންކުރައްވައި ތިމަންކަލޭގެފާނު އަރިސްކުރައްވައިފިއެވެ.
 އަދި ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ އަވައްޓެރިކަމުގައި އުޅުއްވުމުގެ ނިޢުމަތްލިބިގަންނާށެވެ."

 އަދިވެސް ވިދާޅުވެފައިވެއެވެ. "އެކަލޭގެފާނަކީ ފިޤުހާއި އަދި ޙަދީޘްގައި އިމާމެއްކަމަށް އިތުބާރުހުރި ފަރާތަކުން ތިމަންކަލޭގެފާނަށް ބަޔާންކޮށްދެއްވާފައިވެއެވެ. މުޅި އަހަރުގައި ދެދުވަހުން އެއްދުވަހު ރޯދަހިއްޕަވައެވެ."

 އިމާމު ޛަހަބީ އެކަލޭގެފާނު ސިޔަރަތު ފައްޓަވަމުން ވިދާޅުވެފައިވެއެވެ. އެކަލޭގެފާނަކީ"އިމާމެކެވެ، ނަމޫނާއެކެވެ، ޝަހީދެކެވެ".
 އަދި އަބޫ ޛައްރު އަލްޙާފިޡު ވިދާޅުވިކަމަށް ޛަހަބީ ބަޔާންކުރައްވާފައިވެއެވެ. "ބަނޫ ޢުބައިދުން އެކަލޭގެފާނު ބަންދުކުރެއްވިއެވެ. އަދި ސުންނަތަށްޓަކައި( ތަބާވެ ސުންނަތުގައި ހިފިކަމަށްޓަކައި) ޞަލީބަށް އެރުވިއެވެ."
رحم الله أبا بكر بن النابلسي رحمة واسعة و أسكنه في الفردوس الأعلى.

 (އެކަލޭގެފާނު ޞަލީބަށް އަރުވައި އަވަހާރަ ކޮށްލެވުނީ ހިޖުރީ ސަނަތުން 363ވަނަ އަހަރުގައެވެ.) 

(ޢުބައިދީންނަކީ މަޣްރިބު ހިފުމަށްފަހު މިޞްރާއި ޝާމު ހިފައި ވެރިކަން ކުރި ޝީޢީންގެ ބާޠިނީ ފިކުރުގެ ބައިގަނޑެކެވެ. މިހާރު ސޫރިޔާގެ ވެރިކަންކުރާ ނުސައިރީންނަކީވެސް ބާޠިނީންގެ ޝީޢީ އެފަދަ ނުބައި ފިކުރަކަށް ތަބާވާ ބަޔެކެވެ.)  
(ނޯޓު: މި ލިޔުމުގެ އަސްލަކީ އިމާމް ޒަހަބީ ރަޙިމަހުﷲގެ ސިޔަރު ޢައުލާމިއް ނުބަލާގައި ގެންނަވާފައިވާ އެކަލޭގެފާނުގެ ސީރަތުގެ އަޞްލަށް ބެލިގެން ލިޔެވިފައިވާ ތަރުޖަމާއެކެވެ. ބުރަކެޓުގައި އެވަނީ ސިޔަރުގައި ނުހިމެނޭ އިތުރު ވާހަކަތަކެވެ. 16/148. މުއައްސަސަތުއް ރިސާލާގެ ޗާޕު)

 وصلى الله وسلم على سيدنا محمد و على آله صحبه أجمعين. ولله الحمد بنعمته تتم الصالحات.

Post a Comment

0 Comments