ޢިބުރަތްތެރިވާހަކަ: ޒިނޭކުރި އަޅުވެރިޔާ

أبو عبد الله عبد الرحيم المدني

އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ބަނީ އިސްރާއީލު ބާގައިގެ އަޅުކަންކުރާ މީހަކު އަޅުވެރިވެ އޭނާގެ މުންނާރުގައި ފަސްދޮޅަސް އަހަރުވަންދެން ﷲ އަށް އަޅުކަން ކުރުންމަތީ ދެމިހުރެއްޖެއެވެ. އެޔަށްފަހު ވާރެ ވެހި ބިންމަތި ފެހިވެއްޖެއެވެ. ދެން މިއަޅުވެރިޔާ އޭނާގެ މުންނާރުން ބޭރު ބެލުމަށްފަހު ބުނެފިއެވެ. ތިމަންނާ މިތަނުން ފައިބާ ﷲގެ މަތިން ޒިކުރުކޮށް ހަދައިފިނަމަ ހެޔޮކަން އިތުރުވާނެއެވެ.

ދެން އޭނާ އެތަނުން ފައިބައިފިއެވެ. އޭރު އޭނާގެ އަތުގައި ގޮދަން ރޮއްޓެއް ނުވަތަ ދެރޮއްޓެއް އޮތެވެ. ދެން ބިންމަތީގައި އުޅެނިކޮށް އަންހެނަކާ ދިމާވެއްޖެއެވެ. ދެން އެޔަށްފަހު އެދެމީހުން ދެމީހުންނަށް ވާހަކަދައްކަމުން ގޮސް އެދެމީހުން އެއްދާންކޮށް ޒިނޭކޮށްފިއެވެ. އެޔަށްފަހު އޭނާ ހޭވެރިވެއްޖެއެވެ. އެޔަށްފަހު އޭނާ ކުޑަ ފެން ގަނޑަކަށް ފެންވަރަން ފައިބައިފިއެވެ. އެހިނދު ސަލާން ޖަހާ މީހަކު އައިސްފިއެވެ. ދެން އެމީހާއަށް އޭނާ ފެންގަނޑުގައި އޮވެފައި އެރޮށި ނުވަތަ ދެރޮށި ނެގުމަށް އިޝާރާތްކޮށްލިއެވެ. އެޔަށްފަހު އޭނާ މަރުވެއްޖެއެވެ. ދެން އޭނާ މަރުވުމަށްފަހު އޭނާގެ ފަސްދޮޅަސް އަހަރުގެ އަޅުކަން އެ ޒިނޭއާ އަޅާކިރުނު އިރު އެޒިނޭ އޭނާގެ ހެޔޮކަންކަމަށްވުރެ ބަރުވެއްޖެއެވެ. އެޔަށްފަހު އެދެގޮދަން ރޮށި އޭނާގެ ހެޔޮކަމުގެ ތެރެއަށް ލެވިއްޖެއެވެ. އެޔަށްފަހު އޭނާގެ ހެޔޮކަން ބަރުވެ ﷲ އޭނާގެ ފާފަ ފުއްސަވައިފިއެވެ. 

 (މަޞްދަރު: ޞަޙީޙް އިބުނު ޙިއްބާން 820، ޙަދީޘްގެ މާނަ)
 މި ޙަދިޘުން ލިބޭ ޢިބުރަތްތައް: 
 1. ޒިނޭގެ ފާފައިގެ ބޮޑުކަން. 
 2. އަދި ﷲގެ ދަލީލުތަކަށް ވިސްނާ ފިކުރުކޮށްފިނަމަ އީމާންކަން އިތުރުވާކަން. 
 3. ޝައިތާނާ އިންސާނާ މަގުފުރެއްދުމަށްއ އަންނަނީ ހެޔޮމަގުތަކުން ކަން. 
 4. ޝައިތާނާ އަންހެނުންނާއި ފިރިހެނުން މަގު ފުރައްދާ ގޮތްތައް. 
 5. އަދި ޞަދަޤާތް ކުރުމުގެ މާތްކަން އަދި ﷲގެ ރަޙުމަތުގެ ތަނަވަސްކަން ބޮޑުވެގެންވާކަން.

Post a Comment

0 Comments