Biography of ibn Taimiyya 5

އިމާމު އިބުނު ތައިމިއްޔާގެ ޙަޔާތްޕުޅުން ޞަފުޙާތަކެއް 5
الفقير الي الرحيم – عبد الرحيم
އެކަލޭގެފާނު އަހަވާރަވުން

ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފުސެކެވެ. އެގޮތުން ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް މަރާ ބައްދަލުކުރުމަކީ މިދުނިޔޭގެ ތަބީޢީ ޤާނޫނޫތަކުގެ ތެރެއިން އެއްޤާނޫނެވެ. ޝެއިޚުލް އިސްލާމް އިމާމު އިބުނު ތައިމިއްޔާ އަވަހާރަވީ އެކަލޭގެފާނު ޖަލުގައި ހުންނަވަނިކޮށެވެ. މިލާދީ ސަނަތުން 13 ޖުލައި 1326 އިން ފެށިގެން އެކަލޭގެފާނުގެ އަވަހާރަވުމާއި ހަމައަށް އެކަލޭގެފާނު ހުންނެވީ ޖަލުގައެވެ.

އެދެމުގައި އެކަލޭގެފާނުގެ ގަލަންކޮޅާއި އަދި ލިޔެކިޔުމުގެ ސާމާނުތައް އެކަލޭގެފާނުގެ ކިބައިން ނިގުޅައިގަންނަންދެން އެކަލޭގެފާނު ވަރަށްގިނަ ލިޔުންތައް ލިޔުއްވާ ހެއްދެވިއެވެ. އަދި އޭގެފަހުންވެސް އެކަލޭގެފާނު ޖަލުގެ ފާރުތަކުގައި ގަލާއި އަދި ދެލި ބޭނުންކުރައްވައިގެން ލިޔުއްވާފައިވެއެވެ. "އަލް-ހަމަވިއްޔާ" ނުވަތަ "އައް-ތަދްމޫރިއްޔާ"މި ފޮތް ނަކަލު ކުރެވިފައިވަނީ ޖަލުގެ ފާރުތަކުންކަމަށް ޑރ.ޢަބްދުﷲ އައްޒާމް ލިޔުއްވާފައިވާ ލިޔުމެއްގައި ލިޔުއްވާފައިވެއެވެ.

އެކަލޭގެފާނު ޖަލުގައި ހުންނަވަނިކޮށް އެކަލޭގެފާނު އާލަސްކަންފުޅު ޖެހިވަޑައިގަތެވެ. ނަމަވެސް ޢާންމުންގެ ފަރާތުން އަތުވެދާނެ ހަމަނުޖެހުންތަކެއްގެ ސަބަބުން ވެރިކަމުގައި ތިއްބެވި ފަރާތްތަކުން މިކަން ސިއްރުކުރިއެވެ. ނަމަވެސް އެކަލޭގެފާނު އާލަސްކަންފުޅުޖެހުމާއިމާ އަވަހާރަވެވަޑައިގަތުމާއި ދެމެދުގައި މާ ގިނަ ދުވަސްތަކެއް ނުވެއެވެ.

އެކަލޭގެފާނު މިއާލާސްކަންފުޅުގައި އުޅުއްވަމުން އެކަލޭގެފާނުގެ ފަހު ނޭވާ މިދުނިޔެ މައްޗަށް ދޫކުރެއްވީ ޙިޖުރީ ސަނަތުން 728 ވަނަ އަހަރުގެ 20ވަނަ ވީ ޛުލްޤައިދާ މަހުއެވެ. އެއީ މިލާދީ ސަނަތުން 26 ސެޕްޓެމްބަރު 1328 ވަނައަހަރެވެ. މާތްﷲ އެކަލާގެފާނުގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލައްވައި އެކަލޭގެފާނަށް މަތިވެރިވެގެންވާ ނިޢުމަތްތައް ދެއްވާށިއެވެ.

އެކަލޭގެފާނުގެ އަވަހާރަވުމުގެ ޚަބަރު ލިބުމުން މުޅި ދިމިޝްޤު ހުއްޓުމަކަށް އައެވެ. ފިހާރަތަކާއި ބާޒާރުތަކާއި މަދަރުސާތައް ބަންދުކުރެވުނެވެ. އެކަލޭގެފާނުގެ ފަސްދާނުލުމަށްޓަކައި މުޅި ދިމިޝްޤު ހާޒިރުވިއެވެ.

މިކަން ބަޔާންކުރައްވަމުން އަލްޙާފިޡު އަލްމުޙައްދިޘް އިބުނު ކަޘީރު އެކަލޭގެފާނުގެ ތާރިޚު ފޮތްކަމުގައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވާފައިވެއެވެ.

" މުޅި ސަހަރުވަނީ ހުއްޓުމަކަށް އައިސްފައެވެ. ސުލްތާނުގެ ނައިބެއް ޙާޒިރެއް ނުވެއެވެ. ދެން ޖަލުގެ ހިންގުމާ ހަވާލުވެ ހުރި ނައިބު އެކަލޭގެފާނުގެ މަރުގެ ތައުޒިޔާ ދެންނެވުމަށް އައިސް އެކަލޭގެފާނުގެ ކައިރީގައި އިށީންދެވަޑައިގަތެވެ. އަދި އިބުނު ތައިމިއްޔާގެ ގާތްމީހުންނާއި އަދި އެކަލޭގެފާނުގެ އަރިސް ބޭކަލުން ވަނުމަށްޓަކައި ދޮރުހުޅުވުމަށްފަހު އެބައިމީހުން ވެއްދިއެވެ. އެހުރިހާ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަދެ ކީރިތިކުރައްވައި އަދި އެކަލޭގެފާނުގެ ހަނދާން އާ ކުރައްވާ ހެއްދެވިއެވެ. ދެން އެބޭކަލުންވެގެން އެކަލޭގެފާނު ހިނަވައި ކަފުންކުރައްވަން ފައްޓެވިއެވެ. އެތަނަށް ވަނުމަށް ހުއްދަދެވުނީ އެކަލޭގެފާނު ހިނެވުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އެބޭކަލުންގެ ތެރޭގައި އަޅުގަނޑުމެންގެ ޝައިޚު އަލްޙާފިޡު އަލްމިއްޒީއާއި އަދި އެނޫންވެސް ތަޤުވާވެރި މާތް ބޮޑެތި އިލްމުވެރި ބޭކަލުން ހިމެނިވަޑައިގަނެއެވެ. ޢިލްމުގެ އަހުލުވެރިންނާއި ތަޤުވާވެރި ބޭކަލުންނެވެ. ދެން އެބޭކަލުން އެކަލޭގެފާނުގެ ހަށިކޮޅާއެކު އުމަވީ މިސްކިތަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ ޖަނާޒާއަށް އެތައްހާސްބަޔަކު ކުރިމަތިންނާއި ކަނާތުންނާއި އަދި ވާތްފަރާތުގަޔާއި އަދި ފަހަތުގައި އެތައްހާސްބަޔަކު ޖަމާވެފައިވެއެވެ. ދެން ކޮންމެވެސް މީހަކު ގޮވާލަމުން ދިޔައެވެ. " ސުންނަތުގެ އިމާމުންގެ ޖަނާޒާ އޮންނަން ޖެހޭނީ މިފަދައިންނެވެ. " އެޔާއެކު މީހުންތައް ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އަދި މެންދުރުވަޤުތު ޖެހުމުން މެންދުރުނަމާދު ކުރުމަށްފަހު ނައިބު ޚަތީބު އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރުމަށް ތެދުވެވަޑައިގެންފިއެވެ. މިސްކިތުގެ ޚަތީބު އެވަގުތު ވީ މިސްރުގައެވެ. ދެން ނައިބު ޚަތީބު ނަމާދު ކުރައްވަން ފެއްޓެވުމާއެކު އެވަގުތު މީސްތަކުން މިސްކިތުގެ ތެރެއަށްއެކި ދޮރުތަކުން ވަދެ މިސްކިތް ފުރާލިއެވެ. އަދި މިސްކިތުގެ ސަފުތައް އަލްޚައިލު ބާޒާރާއި ހިސާބަށް ހުއްޓެވެ. "

އަލްޙާފިޡު އަލްބައްޒާރު އެކަލޭގެފާނުގެ ފޮތްކަމުގައި އަލް ޢުލަމާއުލް ޢުލިއްޔާގައި އެކަލޭގެފާނު ލިޔުއްވައެވެ.

" މީސްތަކުންނަށް އެކަލޭގެފާނުގެ އަވަހާރަވުމުގެ ޚަބަރު ލިބުމާއެކު، އެކަލޭގެފާނުގެ ޖަނާޒާއަށް ދިޔުމަށް ބޭނުންނުވި އެއްވެސް މީހަކު ނެތެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގެ ކަންތައްތައް ފެށިގެން ނިމެންދެން އެބައިމީހުން ތިއްބެވެ. ނަތީޖާއަކަށްވީ ދިމިޝްޤުގެ ހުރިހާ ބާޒާރުތަކެއް ބަންދުކުރަންޖެހުމެވެ. އަދި ދިރިއުޅުމުގެ ހުރިހާކަމެއް އެދުވަހު ހުއްޓުމަކަށް އައެވެ. ގޮރުނުދޯރުން (ގަވަރުނަރުން)ނާއި، ވެރިންނާއި ޢިލްމުވެރިންނާއި، ފިޤުހުވެރިން އެކަލޭގެފާނުގެ ޖަނާޒާއަށް ޙާޒިރުވެވަޑައިގަތެވެ. އަދި އެއްވެސް ބަޔަކު ނައިސް ނުވާކަމަށް މީހުން ބުނަމުންދިޔައެވެ. އަހަރެންނަށް އެނގިފައިވާގޮތުން ތިންމީހަކު މެނުވީ ދިމިޝްޤުގެ ހުރިހާ އެންމެންވެސް ހާޒިރުވިއެވެ. އެތިންމީހުންނަކީ އިބުނުތައިމިއްޔާގެ ހަޔާތްޕުޅުގައި އެކަލޭގެފާނާއި ވަރަށް ދުޝްމަންކަން ބޭއްވި އެކަމުގައި މަޝްހޫރު ތިންމީހެކެވެ. އެބައިމީހުން ޙާޒިރުނުވެ ފިލީ އެބައިމީހުންގެ ފުރާނައަށް ބިރުން އެއްވެފައިވާ މީހުންގެ ކިބައިން ގެއްލުމެއް ލިބިދާނެތީއެވެ. "

ތާރީޚު ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މި ޖަނާޒާއަށް އިމާމް އަޙުމަދުބިން ޙަންބަލްގެ ޖަނާޒާއަށް އެއްވި ވަރަށް މީހުން އެއްވިކަމަށް ބަޔާންކުރައްވައި އަޅާ ކިޔުއްވައެވެ. އެކަލޭގެފާނު އަވަހާރަވީ ޖަލުގައި ހުންނަވަނިކޮށްކަމަށްވާއިރު އަދި އެކަލޭގެފާނާއި ދެކޮޅަށް ސޫފީންނާއި އަދި އެނޫންވެސް ހަސަދަލައިގެން އުޅުނު ފަރާތްތައް އެދުވަސްވަރު ތަފާތު ވާހަކަތައް ފަތުރަމުން ދިޔުމާއެކުވެސް އެކަލޭގެފާނުގެ ޖަނާޒާއަށް އެކަލޭގެފާނުގެ ދެކޮޅުވެރިންނާއި އަދި އެތައްބަޔަކު ޙާޒިރުވުމުންވެސް އެނގެނީ އެކަލޭގެފާނަށް މީސްތަކުންގެ މެދުގައި އޮތް ލޯތްބާއި ހަމްދަރުދީއެވެ. އެކަލޭގެފާނު އެންމެ ފަހު ފަހަރު ޖަލުގައި ހޭދަކުރެއްވީ ދެ އަހަރާއި ތިންމަހެވެ. އަދި އެކި ފަހަރުމަތިން އެކިޖަލުތަކުގައި އެކަލޭގެފާނު 5 އަހަރު ހޭދަކުރައްވާފައިވެއެވެ.

އެކަލޭގެފާނުގެ އަވަހާރަވި ޚަބަރު ފަހުން ލިބުނު މީހުންވެސް އެކަލޭގެފާނުގެ މަރުގެ ޚަބަރު ލިބުނުވަރަކުން އެކަލޭގެފާނަށް ދިޔައީ ކަށުނަމާދު ކުރަމުންނެވެ. އެގޮތުން މިޞްރާއި އިރާޤާއި ޝާމުގެ އެތައް ރަށްތަކެއްގަޔާއި ބަޞަރާއާއި އަދި ތިބްރީޒު ފަދަ ރަށްތަކުގައި އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރެވުނެވެ.

އެކަލޭގެފާނު ފަސްދާނު ލެވުނީ އެކަލޭގެފާނުގެ ބޭބޭފުޅު އަބްދުﷲގެ މަހަނާޔައި ޖެހިގެންނެވެ.
މާތްﷲ އެކަލޭގެފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ މަތިވެރިވެގެންވާ ނިޢުމަތްތަކުން ނިޢުމަތް ދެއްވާށިއެވެ. އެކަލޭގެފާނުގެ އިލްމުން ފުރިހަމަގޮތުގައި ފައިދާ ލިބިގަންނަ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާ ދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރާ ބަޔެއް ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން

ނުނިމޭ
މިލިޔުމުގެ ކުރީގެ ބައިތައް ވިދާޅުވެލައްވާ
ފުރަތަމަބައި
ދެވަނަބައި
ތިންވަނަބައި
ހަތަރުވަނަބައި

ދެން އަންނަ ލިޔުމެއްގައި
އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅުއްވާފައިވާ ވައްޓަފާޅިއާއި އެކަލޭގެފާނު ލިޔުއްވި ފޮތްތައް

Post a Comment

0 Comments