ކުރުކޮށް ތައުޙީދުގެ ޙުކުމްތައް ދަލީލާއެކު ސުވާލާއި ޖަވާބުގެ ޒަރީއާއިން


އައްޝައިޚު މުޙައްމަދު އިބުރާހިމް. ޅ.ނައިފަރު
نبذة من أحكام التوحيد في طريقة السؤال والجواب مع الأدلة الحمد لله الذي لا إله إلا هو الأَحَدٌ الصَّمَدُ الذي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ، والصلاة والسلام على رسوله الذي أرسل إلى الخلق كافة ليبين ما أنزل إليه وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين أما بعد. މިޢުންވާނުގެ ދަށުގައި ހިމަނާލެވިފައިއެވަނީ ތައުޙީދުގެ އަޙްކާމުގެ ތެރެއިން ބައެއް މުހިއްމު އަޙުކާމެވެ. އިންސާނީ ފިތުރަތުގެ ޠަޤާޟާއާއި އެކަށީގެންވާ ގޮތުގެމަތިން، މިއިން މައްސަލައެއްގައި ސައްކެއް އުފެދިދާނެކަމަށް މުދައްލިލު އުސޫލެއްގެ މަތިން މައްސަލަތައް ބަޔާންކުރެވޭތޯ މަސައްކަތްކުރާ ހުށީމެވެ. އަދި ތައުޙީދުގެ މި ޚުލާސާ އެކުލެވިގެންވާނީ ސުވާލާއި ޖަވާބުގެ މައްޗަށެވެ. 
ސ. ތައުޙީދަކީ ކޮބާ؟ ޖ: ތައުޙީދަކީ އަޅުކަން ކުރުމުގައި ޒާތީގޮތުންނާއި ސިފާތީގޮތުންނާއި ފިޢުލީގޮތުން ( އަމަލީގޮތުން) ﷲ އެއްކައުވަންތަ ކުރުމެވެ. ސ. ތައުޙީދު ބެހިގެންވަނީ ކިތައްބަޔަށް؟ ޖ. ތައުޙީދުބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ 1. ތައުޙީދުއް ރުބޫބިއްޔާ، 2. ތައުޙީދުލް އުލޫހިއްޔާ، 3. ތައުޙީދުލް އަސްމާއި ވައްސިފާތި ސ. ތައުޙީދުއް ރުބޫބިއްޔަތަކީ ކޮބާ؟ ޖ. ތައުޙީދުއް ރުބޫބިއްޔަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރައްވާ އެންމެހައި ކަމެއްގައި އެކަލާންގެ އެއްކައުވަންތަ ކުރުމެވެ. ދަލީލު: ﷲ ވަޙީކުރެއްވިއެވެ. قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ (ޔޫނުސް ސޫރަތް 31) މާނައީ: " ( އޭ މުޙައްމަދު އެވެ. މީސްތަކުންނަށް) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް އުޑާއި ބިމުން ރިޒުޤުދެއްވަނީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުންގެ ކަންފަތްތަކާއި ލޯތަކުގެ ވެރިޔަކީ ކާކުހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރިހުރިތަކެތި ނެރުއްވާ އަދި ދިރިހުރިތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ (އުޑުތަކާއި ބިމުގެ) ނިޒާމް ތަދުބީރުކުރައްވަނީ ކާކުހެއްޔެވެ؟ އެބައިމީހުން ބުނާނެތެވެ. ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ. ދެން އެހެންވިއްޔާ ތިޔަބައިމީހުން ﷲ އަށް ބިރުވެތިނުވަނީ ކީއްވެގެންހެއްޔެވެ؟" ސ. ތައުޙީދުލް އުލޫހިއްޔަތަކީ ކޮބާ؟ ޖ. ތައުޙީދުލް އުލޫހިއްޔަތަކީ އެންމެހައި އަޅުކަމެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. އެބަހީ އެންމެހައި އަޅުކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޚާލިސްކުރުމެވެ. ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. قُلْ يَا أَيُّهَا الْكَافِرُونَ ﴿١﴾ لَا أَعْبُدُ مَا تَعْبُدُونَ ﴿٢﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٣﴾ وَلَا أَنَا عَابِدٌ مَّا عَبَدتُّمْ ﴿٤﴾ وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ﴿٥﴾ لَكُمْ دِينُكُمْ وَلِيَ دِينِ ﴿٦﴾ (ކާފިރޫން ސޫރަތް) މާނައީ: " ( އޭ މުޙައްމަދުއެވެ) ކަލޭގެފާނު ވިދާޅުވާށެވެ. އޭ ކާފިރުންނެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ ފަރާތްތަކަށް އަހުރެން އަޅުކަމެއް ނުކުރާނަމެވެ. އަދި ތިޔަބައިމީހުންނަކީވެސް އަހަރެން އަޅުކަންކުރާ ފަރާތަށް އަޅުކަން ކުރާ ބަޔަކީމުއެއްނޫނެވެ. އަދި އަހަރެންނަކީވެސް ތިޔަބައިމީހުން ތިޔައަޅުކަންކުރާ ފަރާތްތަކަށް އަޅުކަންކުރާނެ މީހަކީމެއްނޫނެވެ. އަދި ތިޔަބައިމީހުންނަކީވެސް އަހަރެން އަޅުކަންކުރާ ފަރާތަށް އަޅުކަން ކުރާ ބަޔަކީމުއެއް ނޫނެވެ. ތިޔަބައިމީހުންނަށް ތިޔބައިމީހުންގެ ދީނެވެ. އަހަރެންނަށް އަހުރެންގެ ދީނެވެ" ސ. ތައުޙީދުގެ އަސްމާއު ވައް ސިފާތަކީ ކޮބާ؟ ޖ. ތައުޙީދުގެ އަސްމާއު ވައްސިފާތަކީ ޤުރުއާނާއި ސުންނަތުން ﷲއަށް ސާބިތުވާ އިސްމުފުޅުތަކާއި ސިފަފުޅުތައް ތައުވީލުކުރުމާއި ކައިފިއްޔަތުބަޔާންކުރުމާއި ވައްތަރުބަޔާންކުރުމާއި މިޘާލުޖެހުމާއި އެއްވެސް މާނައެއް ނެތްގޮތުގައި ދެކުމަކާއި ނުލައި އެކަލާންގެ ޒާތުފުޅަށް ސާބިތުކުރުމެވެ. ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. وَقَالَتِ الْيَهُودُ يَدُ اللَّـهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ މާނައީ: " ޔަހޫދީން ބުންޏެވެ. ﷲ ގެ އަތްވަނީ ބަންދުވެގެންނެވެ. ( އެބަހީ ﷲ ބަޚީލުވެގެންވެއެވެ.) ނަމަވެސް ބަޚީލުބަޔަކީ އެބައިމީހުންނެވެ. އަދި އެބައިމީހުން އެބުނި ބުނުމުގެ ސަބަބުން އެބައިމީހުންނަށް ލައުނަތް ލެއްވިގެން ވެއެވެ. އަދި ކިއެއްތަ އެކަލާންގެ އަތްޕުޅުވަނީ ހުޅުވިގެންނެވެ. (އެބަހީ ދީލަތިވެވޮޑިގެންވެއެވެ.) އެކަލާންގެ އިރާދަކުރެއްވިގޮތަކަށް ހޭދަކުރައްވައެވެ. " ( އާޔަތުގައި ﷲއަށް އަތްޕުޅެއްވާކަން އެވަނީ ސާބިތުވެފައެވެ. ނަމަވެސް އަޅުގަނޑުމެން މި ސިފަ އެކަލާންގެއަށް ސާބިތުކުރަން ޖެހޭނީ މަތީގައި ބަޔާންވެގެން އެވާ ގޮތަށެވެ.) އަދިވެސް އެތައް ސިފަފުޅުތަކެއް ޤުރުއާނުގައި ވާރިދުވެގެން އައިސްފައިވެއެވެ. ނުނިމޭ ނޯޓު: މި ލިޔުމަކީ ޕާކިސްތާނުގައި ކިޔަވަންތިބި ދިވެހި ކިޔަވާ ކުދިން 25 ޖޫން 2001 ގައި ނެރެފައިވާ ޟައުއުލް އިސްލާމްގެ 9 ވަނަ އަދަދުގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަސައްކަތުގައި ބަރަކާތްލައްވާ އެލިޔުންތަކުން ފައިދާކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން

Post a Comment

1 Comments

Anonymous said…
ތިކުރައްވާ މަސައްކަތަށް ސާބަސް، އިތުރު ކާމިޔާބީއަށް އެދެން- ސަލާމް