އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟

އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟
ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
ސުވާލު:
އިސްލާމްދީނުގައި ފިރިހެނުން ތުނބުޅި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި ތުނބުޅީގެ ދިނުމިނަކީ ކޮބައިތޯ؟ ބައެއް ދީނީޢިލްމްވެރިން ތުނބުޅި ބާލާފައި އަދި ވަރަށްކުރުކޮށް ބަހައްޓާފައި އަދި ވަރަށްދިގުކޮށް ބަހައްޓާފައިހުރެ. މީގެ އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ތުނބުޅިއަށް މާފުކުރުމަކީ ނުވަތަ ނުކޮށާ ދޫކޮށްލުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. މިކަމަކީ އެކަލޭގެފާނުގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާ ކަމެކެވެ. މަތިމަސް ކުރުކޮށް ތުނބުޅި ދިގުކުރުމަށް ބުޚާރީ އާއި މުސްލިމުގެ އެތައް ރިވާޔަތްތަކެއްގައި އައިސްފައި ވެއެވެ. ބައެއް ރިވާޔަތްތަކުގައި މުޝްރިކުންނާއި ޚިލާފު ވުމުގެ ގޮތުން، އަނެއް ބައި ރިވާޔަތްތަކުގައި މަޖޫސީންނާއި ޚިލާފުވުމުގެ ގޮތުން މަތިމަސް ކުރުކޮށް ތުނބުޅި ދިގުކުރުމަށް އެންގެވިއެވެ. ތުނބުޅިއަށް މާފުކުރުމުގެ މާނައަކީ ނުކޮށާ ދޫކޮށްލުމެވެ. މިއީ ރާސޫލާގެ ބަސްފުޅުންނާއި ޢަމަލުފުޅުން ސާބިތުވާގޮތެވެ. އެހެނީ އެކަލޭގެފާނު ތުނބުޅި ކޮށްޓެވިކަމަށް އެއްވެސް ގޮތަކަށް ސާބިތުވާކަށް ނެތެވެ.ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. ((خالفوا المشركين، أحفوا الشوارب و أوفوا اللحى)) = أخرجه البخاري=، ޙަދީޘް ނަމްބަރ 5442، ޞަޙީޙް މުސްލިމް ޙަދީޘް ނަމްބަރ 382، މާނައަކީ؛ "ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. މަތިމަސް ކުރު ކުރާށެވެ. އަދި ތުނބުޅި ދިގުކުރާށެވެ." މިޙަދީޘް ރިވާ ކުރައްވާފައިވަނީ އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހު އެވެ.

އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ: "އިބްނު ޢުމަރު ޙައްޖެއް ނުވަތަ ޢުމުރާއެއް ކުރައްވައިފިނަމަ ތުނބުޅީގައި މުށުން ހިއްޕަވާފައި ބާކީބައި ކޮށްޓަވައެވެ." މި ރިވާޔަތަކީ ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްކަމުން ޞައްޙަކަމާމެދު ޝައްކެއްނެތެވެ. އެހެންނަމަވެސް ޝައިޚް ބިން ބާޒު ރަޙިމަހުﷲ ފަދަ ޢިލްމުވެރިން ވިދާޅުވަނީ މި ރިވާޔަތުން ތުނބުޅި ކޮށުން ހުއްދަކުރާ ވަރުގެ ހުއްޖަތެއް ލިބެންނެތް ކަމަށެވެ. އެހެނީ އިބުނު ޢުމަރު ރަޟިޔަﷲ ޢަންހު ތުނބުޅި ކޮށްޓެވީ އެކަލޭގެފާނުގެ އަމިއްލަ *އިޖްތިހާދުގެ މައްޗަށް ބުރަވެވަޑައިގެން ކަމަށްވާތީއެވެ. ހުއްޖަތްނެގޭނީ ޞަޙާބީއަކު ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ކިބައިން ކުރެއްވި ރިވާޔަތަކަށެވެ. ޞަޙާބީއެއްގެ އިޖްތިހާދަކަށް ނޫނެވެ. އެހެން ކަމުން ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ފަރާތްޕުޅުން ޞައްޙަ މަގުން ކަމެއް ސާބިތުވާން އޮވެއްޖަނަމަ ޞަޙާބިއެއްގެ އިޖްތިހާދަށްވުރެ ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ހަދީޘް މުޤައްދަމް (އިސް) ވާނެއެވެ. އެހެންކަމުން އެންމެ އައުލާކަންބޮޑު ގޮތަކީ ތުނބުޅި ނުކޮށާ ދޫކޮށްލުމެވެ. والله أعلم.

*އިޖްތިހާދު: މިތަނުގައި އިޖްތިހާދޭ ބުނެވޭ ބަހުގެ މުރާދަކީ އިބުނު ޢުމަރު އެމައްސަލާގައި ދެކިލެއްވި ގޮތެވެ. ނުވަތަ ޢަމަލު ކުރެއްވި ގޮތެވެ. އެކަލޭގެފާނުގެ އެޢަމަލުފުޅު ކީރިތި ރަސޫލާޔަކަށް ނިސްބަތެއް ނުކުރައްވައެވެ. والله أعلم.

އަމުރުގެ އަޞްލަކީ އެއަމުރު ކުރެވުނު ކަމެއް ކުރުން ވާޖިބު ވުމެވެ. ދެން އެކަމެއް ކުރުމާއި ނުކުރުން ހަމަހަމަވެގެން ދަނީ ނުވަތަ ސުންނަތަކަށް ބަދަލުވެގެން ދަނީ އެހެން ދަލީލެއް ލިބިގެންނެވެ. ތުނބުޅި އަށް މާފު ކުރުމަށާއި މަތިމަސް ކުރުކުރުމަށް އަދި މުޝްރިކުންނާއި ޚިލާފުވުމަށް އަމުރު ކުރައްވާފައި ވުމުން ދޭހަވަނީ ތުނބުޅި އާއި ބެހުމަކީ ޙަރާމް ކަމެއް ކަމަށެވެ. އަދި އެގޮތަށް ކަންތައްކޮށްފިމީހާ ފާފަވެރި ވާނެ ކަމެވެ. މިއަމުރު ސުންނަތަކަށް ބަދަލުކޮށްލާނެ އިތުރު އެއްވެސް ދަލީލެއް ލިބެން ނެތުމުންނެވެ. والله أعلم

ހަވާލާ: ރާއްޖެ އިސްލާމް

Post a Comment

2 Comments

Anonymous said…
islaam dheen badhunaamu koh eyee katu, naathahuzeeb dheenakah hadahn thi kuraa massakathah saabas...
Anonymous said…
islaam dheenuga ohna gothakee naa thahuzeebu goiy kamah heeva meehunah thihen heevanee..